ޚަބަރު

ސްރީލަންކާގެ ފޮރިން މިނިސްޓަރގެ ދަތުރުފުޅު ނިންމަވާލައްވައިފި


ސްރީލަންކާގެ ފޮރިން މިނިސްޓަރ މަންގަލަ ސަމަރަވީރާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މިދަތުރުފުޅުގައި ސްރީލަންކާގެ ފޮރިން މިނިސްޓަރވަނީ ދިވެހި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ތައުރީފްކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ސްރީލަންކާގެ ފޮރިން މިނިސްޓަރ ރާއްޖެއަށްކުރެއްވި ރަސްމީ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ސްރީލަންކާގެ ފޮރިން މިނިސްޓަރ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްވެސް ކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި ޤާއިމްކުރެވިފައިވާ އެކުވެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ސްރީލަންކާއަކީ ރާއްޖެއިން ވަރަށް ބޮޑު އިސްކަމެއް ދެއްވާ، ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. އަދި ދެޤައުމުގެ ދެމެދުގައިވާ ގުޅުން ޞިއްޙީ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއިން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14866532413559.jpg|ދިވެހިރާއްޖެ - ސްރީލަންކާ ޖޮއިންޓް ކޮމިޝަންގެ ތިންވަނަ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

މި ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ފޮރިން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަރާތުން ސްރީލަންކާއަށް އަބަދުވެސް އެއްބާރުލެއްވުން ދެއްވާކަމަށްޓަކައި ޝުރުކުއަދާކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތަށާއި، ދިވެހި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ތައުރީފްކުރައްވައި، އެމަސައްކަތްޕުޅަށް ސްރީލަންކާގެ ފަރާތުން މަރުޙަބާ ދަންނަވާފައިވެއެވެ.

ސްރީލަންކާގެ ފޮރިން މިނިސްޓަރގެ ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14866529089302.jpg|ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގައި އެއްބަސްވެވުނު ކަންކަން ބަޔާންކުރާ އެއްބަސްވުމުގައި ދެޤައުމުގެ ފޮރިން މިނިސްޓަރުން ސޮއިކުރެއްވުން- ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެ ސްރީލަންކާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމެއްވެސް މިދަތުރުފުޅުގައި ކުރިއަށްގެންދަވާފައިވޭ. ފޮރިން މިނިސްޓްރީގައި ކުރިއަށްގެންދެވި މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމުދުގައި ޤާއިމުވެފައިވާ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި، ތަޢުލީމީ ދާއިރާއާއި، އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމަށް އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން ޓޫރިޒަމާއި، މަސްވެރިކަމާއި، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އެއްޤައުމު އަނެއްޤައުމަށް އެއްބާރުލުން ދެއްވުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ. ޖޮއިންޓް ކޮމިޝަން ބައްދަލުވުމަށްފަހު މިބައްދަލުވުމުގައި އެއްބަސްވެވުނު ކަންކަން ބަޔާންކުރާ އެއްބަސްވުމެއްގައި ދެޤައުމުގެ ފޮރިން މިނިސްޓަރުން ސޮއިކުރައްވާފައިވެއެވެ.

ސްރީލަންކާގެ ފޮރިން މިނިސްޓަރަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަންލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމާއި، ދިވެހި ސަރުކާރުގެ ޑިޕްލޮމޭޓުންނާއި އެކި އިދާރާތަކުގެ އިސްވެރިންނެވެ.