ވިޔަފާރި

ބީއެމްއެލުން ދަތުރުވެރިންނަށް 3.4 މިލިއަން ޑޮލަރު ވިއްކައިފި


އެއްމަސް ދުވަސްތެރޭ، 7،000 ދަތުރުވެރިންނަށް ޖުމްލަ 3.4 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބޭންކު އޮފް މޯލްޑިވްސްއުން ހާމަކޮށްފިއެވެ. ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ޢާންމުންނަށް ޑޮލަރު ގަންނަން ފަސޭހަކޮށްދިނުމަށް 8 ޖަނަވަރީގައި ބީއެމްއެލްއިން ތަޢާރަފްކުރި އޮންލައިން ބުކިންގ ނިޒާމު މެދުވެރިކޮށް، ދަތުރުވެރިންނަށް މިހާތަނަށް ޖުމްލަ 3.4 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މި އައު ނިޒާމަކީ ބޭނުންކުރަން ފަސޭހަ އަދި ޢާންމުންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ނިޒާމެކެވެ.

ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލުން ބުނީ ޑޮލަރު ދޫކުރުމަށް އެއަރޕޯޓްގައި ޤާއިމްކޮށްފައިވާ ކައުންޓަރުން އެވްރެޖްކޮށް ދުވާލަކު 200 ކަސްޓަމަރުންނަށް ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސުން ފަސޭހަކަމާއެކު ޑޮލަރު ގަންނަން ލިބޭ ނިޒާމުގެ ދަށުން، ބޭންކްގެ އޮންލައިން ޕޯޓަލް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޑޮލަރު ބުކިން ހެދޭނެއެވެ. އަދި ފުރަން ގޮސް އެއަރޕޯޓްގެ ޑިޕާޗަރ ގޭޓް 4 ގެ ކުރިމަތީގައި ޑޮލަރު ދޫކުރުމަށް ޚާއްޞަކޮށްފައިވާ ކައުންޓަރުން ޑޮލަރު ނެގޭނެ ކަމަށެވެ. އޮންލައިންކޮށް ބުކިންގ ނުހެދޭ ފަރާތްތަކަށް، އެއަރޕޯޓުން ޑޮލަރު ލިބޭގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެއެވެ. އަދި ދުވަސްވީ މީހުންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ހުރިހާ ވަގުތެއްގައިވެސް އިސްކަން ދެވޭނެކަމަށް ބީއެމްއެލުން ހާމަކުރެއެވެ.