ސިއްހަތު

ކެންސަރު ބައްޔަށް ފަރުވާދޭ މަރުކަޒެއް މިއަހަރު ޤާއިމްކުރަނީ


ކެންސަރު ބައްޔަށް ފަރުވާދެއްވާ ޚާއްޞަ މަރުކަޒެއް އައިޖީއެމްއެޗްގައި މިމަހު ޤާއިމްކުރައްވާނޭކަން އެހޮސްޕިޓަލުން އިޢުލާންކުރައްވައިފިއެވެ.

މެމޯގްރަފީގެ އެހީގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރެއްވުމުގެ ޚިދުމަތާއި، އުރަމަތީގެ ބަލިތަކަށް ފަރުވާދެއްވާ ޚާއްޞަ ކްލިނިކެއްގެ ޚިދުމަތް އައި.ޖީ.އެމްއެޗްގައި ފެށްޓެވުމުގެ ގޮތުން މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެހޮސްޕިޓަލުގެ ސީއީއޯ ފަރުޙަތު ޝަހީރު ވިދާޅުވީ ކެންސަރު ބައްޔަށް ފަރުވާދެއްވުމަށްޓަކައި ޤާއިމްކުރައްވާ އޮންކޮލޮޖީ ސެންޓަރުގެ އިންފްރާސްޓަރކްޗަރ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ބޭނުންވާ އާލާތްތައް އިންސްޓޯލް ކުރެވުމާއެކު މިމަހުގެ ތެރޭގައި އެމަރުކަޒުގެ މަސައްކަތް ފަށްޓަވާނޭކަމަށް ވިދާޅުވިއެވެ.

"އެސެންޓަރުގެ ހުރިހައި މަސައްކަތެއް މިހާރު ނިމި، އެތަން ވަނީ ޚިދްމަތަށް ތައްޔާރުވެފައި. މަޑުކޮށްގެން މިތިބީ އެތަނަށް ބޭނުންވާ މަދު އިކިއުޕްމެންޓް ނުވަތަ އާލާތްތައް ނުލިބިގެން. އެސާމާނު ލިބުމާއެކު މިމަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ ޚިދްމަތް ފަށާނަން. އަޅުގަނޑުމެން ޚިދްމަތް ފަށާއިރު އަމާޒަކީ މެޑިކަލް އޮންކޯލޮޖީގެ ބައި ބޮޑަށް ފޯރުކޮށްދިނުން." ފަރުޙަތު ޝަހީރު ވިދާޅުވިއެވެ. 

ފަރުޙަތު ވިދާޅުވީ، އެމަރުކަޒުގެ ޚިދުމަތް ފަށާއިރު، ބޭރުގެ ފަންނީ ބޭފުޅުންގެ އެހީތެރިކަމާއެކު ޚިދުމަތް ދެއްވަން ފެއްޓެވިނަމަވެސް، އެސެންޓަރުން މުސްތަޤްބަލުގައި ފަރުވާދެއްވާނީ ދިވެހި ޚާއްޞަ ޑޮކްޓަރުންކަމަށެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުގެ 2 ޑޮކްޓަރަކު އެދާއިރާއިން ތަމްރީން ހޯއްދަވަމުން ގެންދަވާކަން ފަރުޙަތު ފާހަގަކުރެއްވިއެވެ. 

އޮންކޮލޮޖީ ސެންޓަރަކީ ކެންސަރުން ރައްކާތެރިވުމަށާއި ކެންސަރު ބައްޔާއި، ޓިއުމަރަށް ފަރުވާދިނުމާއި، އެކަމާބެހޭ ތަޙުލީލުތައް ކުރުމަށް ޤާއިމްކުރައްވާ ޚާއްޞަ މަރުކަޒެކެވެ.