ސިއްހަތު

އުރަމަތީގެ ބަލިތަކަށް ފަރުވާދެއްވާ ޚާއްޞަ ކްލިނިކެއް ހުޅުވައިފި


މެމޯގްރަފީގެ އެހީގައި އުރަމަތީގެ ކެންސަރަށް ސްކްރީންކުރުމުގެ ޚިދުމަތާއި އުރަމަތީގެ ބަލިތަކަށް ފަރުވާދެއްވާ ޚާއްޞަ ކްލިނިކެއްގެ ޚިދުމަތް އައި.ޖީ.އެމް.އެޗުގައި ފަށްޓަވައިފިއެވެ.

މެމޯގްރަފީގެ އެހީގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރެއްވުމާއި، އުރަމަތީގެ ބަލިތަކަށް ފަރުވާދެއްވާ ޚާއްޞަ ކްލިނިކެއްގެ ޚިދްމަތް އައި.ޖީ.އެމް އެޗްގައި ކުރިޔަށް ގެންދަވަނީ އެހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓާއި ސާޖަރީ ޑިޕާޓްމެންޓް ގުޅިވަޑައިގެނެވެ.

މި ޚިދުމަތްތައް ފެއްޓެވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. އެކަމަނާއަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެހީތެރިކަން ބޭނުންވާ އެކި ފަރާތްތަކަށް އެހީތެރިވެދެއްވުމުގައި މުހިންމު ޙަރަކާތްތަކެއް ހިންގަވާ ބޭފުޅެކެވެ. އަދި ޞިއްޙީގޮތުން އެކި މީހުންނަށް ޚާއްޞަކޮށް އަންހެނުންނަށް ދިމާވާ މައްސަލަތަކަށް އެކަމަނާ ގެންދަވަނީ ސަމާލުކަން ދެއްވަމުންނެވެ.

މެމޯގްރަފީގެ އެހީގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރައްވާ ކްލިނިކެއްގެ ޚިދްމަތް އައިޖީއެމްއެޗުން ދެއްވަން ނިންމަވާފައިވަނީ ހަފްތާގެ ކޮންމެ އަންގާރަދުވަހެއްގައި ހެދުނު އަށަކުން ބާރައަށެވެ. ޚިދްމަތް ހޯދަން ބޭނުންވާ މީހުން އެހޮސްޕިޓަލުގެ ރޭޑިއޯލޮޖީ ޑިޕާޓްމެންޓަށް ގޮސް ނުވަތަ 3335292 އާ ގުޅައިގެން އެޕޮއިންޓްމެންޓް ހަމަޖެއްސުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުއްވާލައްވާފައެވެ. 

img:http://s2.psmnews.mv/images/660x400/14865436769542.jpg|އުރަމަތީގެ ބަލިތަކަށް ފަރުވާދެއްވުމަށް އައިޖީއެމްއެޗުގައި ޚާއްސަ ކްލިނިކެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

40 އަހަރުން މަތީގެ ކޮންމެ އަންހެނަކަށް ޑޮކްޓަރެއްގެ ލަފަޔާ ނުލާވެސް އުރަމަތީގެ ކެންސަރަށް ސްކްރީންކުރެވިދާނެއެވެ. އަދި ސްކްރީންކުރުމަށްފަހު، ކެންސަރުގެ އެއްވެސް ޢަލާމާތެއް ނުވަތަ ޝައްކުކުރެވޭ ޙާލަތެއްގައި ރޭޑިއޯލޮޖީ ޑިޕާޓްމެންޓުގެ ބެލުމުގެ ދަށުން، ޚާއްޞަ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖެހޭނޭކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.



އުރަމަތީގެ ބަލިތަކަށް ފަރުވާދެއްވާ ޚާއްޞަ ކްލިނިކްގެ ޚިދުމަތް ދެއްވުމަށް ހަމަޖެހިފައިވަނީ ހަފްތާގެ ބުރާސްފަތި ދުވަހު ހެދުނު އަށަކުން މެންދުރު ދޭއް ޖަހަންދެނެވެ. އެހޮސްޕިޓަލުން ވިދާޅުވީ މި ޚިދުމަތްވެސް ފަށްޓަވާއިރު، ހަފްތާގެ އެއްދުވަހު ޚިދުމަތްދެއްވިނަމަވެސް، ޚިދްމަތްހޯދާ މީހުންގެ ނިޞްބަތަށް ބައްލަވައި، ޚިދްމަތް ދެއްވާ ދުވަސްތައް މުސްތަޤްބަލުގައި ،އިތުރުކުރައްވާނޭކަމަށެވެ.

މެމޯގްރަފީގެ އެހީގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރެއްވުމާއި، އުރަމަތީގެ ބަލިތަކަށް ފަރުވާދެއްވާ ޚާއްޞަ ކްލިނިކެއްގެ ޚިދްމަތް ލޯންޗްކުރެއްވުމަށް މިއަދު އައިޖީއެމްއެޗްގައި ބޭއްވެވި ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، އައިޖީއެމްއެޗްގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރެވޭނޭ އިންތިޒާމް ހަމަޖެހުމަކީ، ޞިއްހީ ނިޒާމްގެ ތެރެއިން ޚާއްޞަ ފަރުވާގެ ޚިދްމަތް ފުޅާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި މިފުރުޞަތުގެ ބޭނުން ހިފައި އަންހެން ކަނބަލުން އުރަމަތީގެ ކެންސަރަށް ސްކްރީންކުރުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ، ކެންސަރުބަލީގެ އެއްވެސް ޢަލާމާތެއް ފެންނަަނަމަ،މި ފަސޭހަ ޚިދްމަތުގެ ބޭނުން ކުރައްވައިގެން އަވަހަށް ޓެސްޓް ކުރެއްވުން. ވަކިން ޚާއްޞަކޮށް ސާޅީސް އަހަރުން މަތީގެ ކަނބަލުންނަށް އަޅުގަނޑު މިއަދު ކުރާ އިލްތިމާސަކީ،ގޭގައި ނުތިއްބަވާ މަދުވެގެން ދެއަހަރުން އެއްއަހަރު އުރަމަތީ ކެންސަރަށް ސްކްރީން ކުރެެއްވުމަށް ސަމާލުކަން ދެއްވުމަށް.އަޅުގަނޑުމެން އަދި އައިޖީއެމްއެޗުގެ ޢަމާޒަކީ،މިޚިދްމަތް ވީވަރަކުން ލިބޭނޭ މަގު ތަނަވަސްކޮށްދިނުން." ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14865437095741.jpg|އުރަމަތީގެ ބަލިތަކަށް ފަރުވާދެއްވުމަށް އައިޖީއެމްއެޗުގައި ޚާއްސަ ކްލިނިކެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އައިޖީއެމްއެޗްގެ ސީ.ސީ.އޯ ފަރުޙަތު ޝަހީރު ވިދާޅުވީ، ދެ ޑިޕާޓްމެންޓުގެ އިސްވެރިން ގުޅިވަޑައިގެން މިފަދަ ޚިދްމަތްތަކެއް ތަޢާރަފްކުރެއްވުމަށް ކުރެއްވި މަސައްކަތަކީ ހޮސްޕިޓަލުގެ ތަރައްޤީއަށް ހެޔޮފާލެއް ކަމަށެވެ. އަދި މިޚިދްމަތުގެ ސަބަބުން ޢާއްމުންނަށް ފަސޭހަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތް ފަސޭހައިން އަދި ގާތުން ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ޚާއްޞަކޮށް އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް ތަކުލީފް އުފުލަންޖެހޭ ބަލިތަކަށް ރާއްޖޭގައި ފަރުވާލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.