މުނިފޫހިފިލުވުން

ސިމްފަނީ އޮކެސްޓްރާއިން އޮލިމްޕަހުގައި ހާޢްސަ ޝޯއެއް ދީފި


ރާއްޖޭގެ ތަރައްޤީގެ އެންމެ ބޮޑު އެއް ބައިވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ޗައިނާއިން ރާއްޖެއާއި ސިޔާސީ ގުޅުން ބަދަހިކުރިތާ މިއަހަރު މިވަނީ ސާޅީސް ފަސް އަހަރު ފުރިފައެވެ. މިކަން ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ ޗައިނާ އެންބަސީއާއި ރާއްޖޭގެ އެކިއެކި އިދާރާތަކުން މިއަހަރު ތެރޭގައި އެކި ކަންތައްތައް ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މީގެ ތެރެއިން އެއް ހަރަކާތް ވަނީ އޮލިމްޕަހުގައި ކުރިޔަށް ގެންގޮސްފައެވެ.

އިންސްޓްރޫމެންޓަލް މިއުޒިކަށް ޚާއްޞަ ޗައިނާގެ އެންމެ މަޤްބޫލް އެއް ބޭންޑްކަމަށްވާ ނޭޝަނަލް ސިމްފަނީ އޮކެސްޓްރާ ބޭންޑް ރޭ އޮލިމްޕަހުގައި ދިން ޝޯގައި ވަނީ ހިތްޤައިމު މިއުޒިކީ ޕާރފޯމަންސްތަކެއް ހުށަހަޅާދީފައެވެ. 

މިޝޯއަކީ ރާއްޖޭގައި ހުންނަ ޗައިނާ އެންބަސީއާއި ނެޝަނަލް ސެންޓަރ ފޯ ދި އާޓްސް ގުޅިގެން ބޭއްވި ޝޯއެކެވެ. މި ޝޯ އިންތިޒާމްކޮށްފައިވަނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއާއި އެމްއެންޑީއެފާއި ޕީއެސްއެމް ގުޅިގެނެވެ. މިއީ ފަންނުވެރިކަން ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދަވާ ޕްރޮގްރާމްގެ ބައެއްކަމަށް އެންސީއޭއިން ވިދާޅުވެއެވެ.

img:http://s4.psmnews.mv/images/660x400/14865333814330.jpg|ޗައިނާ ނޭޝަނަލް ސިންޕޮނީ އޮކެސްޓްރާއިން އޮލިމްޕަހުގައި ދިން ޝޯގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

އެންސީއޭއިން ވިދާޅުވީ މި ޝޯގެ ސަބަބުން ދެޤައުމުގެ ފަންނުވެރިންގެ މެދުގައި ގުޅުންބަދަހިވެ، ދިވެހި ފަންނާނުނަށް މިއުޒިކްގެ ފަންނު ކުރިއެރުވުމަށް ފުރުސަތުތައް ފަހިވެގެންދާނޭކަމަށެވެ.

މިޝޯ ބެލުމަށް ސަރުކާރުގެ އިސްވެރިންނާއި މަޖިލިސް މެންބަރުންނާއި އެހެން ބައެއް ޤައުމުތަކުގެ އެންބަސީތަކުގެ އޮފިޝަލުނާއި ބައެއް ސްކޫލްތަކުގެ ކުދިންނާ އާންމުން ދިޔައެވެ. ޗައިނާގެ ނެޝަނަލް ސިމްފަނީ އޮކެސްޓްރާ ބޭންޑް ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.

ޗައިނާގެ ނެޝަނަލް ސިމްފަނީ އޮކެސްޓްރާއަކީ ނަވަރަ ސަތޭކަ ފަންސާސް ހަވަނަ އަހަރު އުފައްދާފައިވާ އޮކެސްޓްރާއެކެވެ. މިއީ އެވޯޑް ލިބިފައިވާ ޗައިނާގެ މަޝްހޫރު އެތައް ފަންނާނުންނެއް ހިމެނޭ ބޭންޑެކެވެ.