ވިޔަފާރި

"ސަރުކާރުން ލޯނު ނަގަނީ ތަރައްޤީގެ އިންވެސްޓްމަންޓްތަކަށް އެކަނި"


ރައީސް ޔާމީނުގެ ސަރުކާރުން ލޯނު ނަގަނީ ތަރައްޤީގެ އިންވެސްޓްމަންޓްތަކަށް އެކަނިކަމަށް ފިނޭންސް މިނިސްޓަރު އަޙުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރު އަޙުމަދު މުނައްވަރު ވިދާޅުވީ، އަދުގެ ސަރުކާރުން ލޯނު ނުވަތަ ދަރަންޏަށް ފައިސާ ނަގަނީ، ރާއްޖޭގެ  ތަރައްޤީގެ އެކިއެކި އިންވެސްޓްމަންޓްތަކަށްކަމަށެވެ. އެހެންނަމަވެސް މީގެކުރީގެ ބައެއް ސަރުކާރުތަކުން، މުވައްޒަފުންނަށް މުސާރަ ދެއްވުމަށް ވެސް ލޯނު ނެންގެވި ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އަދުގެ ސަރުކާރުން ދަރަންޏަށް ފައިސާ ނަގާނީ ހަމައެކަނި އުފެއްދުންތެރި ގޮތުގައި ހޭދަކުރުމަށްކަމަށެވެ.

"ސަރުކާރުން ދަރަނި އިންވެސްޓްކުރަނީ ކޮންކަހަލަ ކަމަކައްތޯ؟. މިސާލަކަށް ބަލަމާތޯ އެއަރޕޯޓް. މިއީ ރާއްޖޭގެ ޓޫރިޒަމްގެ މައި ދޮރާށި. އެތަން ތަރައްޤީނުކޮށް އަޅުގަނޑުމެންނަކަށް ނެތް އިޤްތިޞާދީގޮތުން ދެން އޮތް ސްޓޭޖަކަށް ދެވޭކަށް. އާ އަހަރަށް ބަލާލިކަމުގައިވީނަމަވެސް އެނގޭނެ އެއަރޕޯޓް އޮތީ ޕްރައިވެޓް ޖެތްތަކުން ފުރިފަ. ސަރުކާރުން އަމާޒްހިފާފައިވާވަރަށް ޓޫރިޒަމް ތަރައްޤީކުރެވޭނީ އެއަރޕޯޓްގެ ކެޕޭސިޓީ އިތުރުކޮށްގެން. މިއި މީގެ ދިހަ އަހަރުކުރިން ކުރަންޖެހޭކަމެއް" މިނިސްޓަރު އަޙުމަދު މުނައްވަރު ވިދާޅުވިއެވެ.

އިޤްތިޞާދީ މާހިރުން ވިދާޅުވާގޮތުގައި ދަރަންޏަކީ އޭގެ ޒާތުގައި އިޤްތިޞާދީ ކުރިއެރުމަކަށް ބޭނުންތެރި އެއްޗެކެވެ. މިގޮތުން ދަރަނި ދެއްކުމުގެ ޤާބިލުކަން ހުރިނަމަ ދަރަނި ނެގުމަކީ މައްސަލައެއްނޫންކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވޭ.

ފިނޭންސް މިނިސްޓަރ، ވިދާޅުވީ، ލޯނު ނަގައިގެން ކުރިއަށްގެންދަވާ އިންވެސްޓްމަންޓްތައް ކަވަރ ކުރެވޭނޭކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތްކަމަށެވެ. އަދި އެއަރޕޯޓް ތަރައްޤީކުރުން ފަދަ މަޝްރޫޢުތަކަށް ލޯނު ނަގަނީ އެކަމުގެ ސަބަބުން އެތައް މަންފާއެއް ލިބޭނެކަން ޔަގީންކުރައްވާތީކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ލޯނު ރިކަވަރ ކުރުމަށްޓަކައި ސޮވަރިންގ ފަންޑެއް ޤާއިމްކުރައްވާފައިވާކަމަށާ، މި ފަންޑްގެ ބޭނުމަކީ ފަންޑަށް ފައިސާ ޖަމާކޮށްގެން، އެއަރޕޯޓް ތަރައްޤީ ކުރުމަށް ނެގި ލޯނާއި އެނޫންވެސް ލޯނުތައް ދެއްކޭނެ ޤާބިލުކަން އިތުރުކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެން ބަޖެޓްގައި ހިމެނިކަމުގައިވިއަސް އެހެން ސަރުކާރުތަކާ ވަރަށް ތަފާތުކޮށް ނިންމާފައިވަނީ މި ފަންޑް ވެގެންދާނީ އަޅުގަނޑުމެން ރައްކާކުރާ ފަންޑެއްގެ ގޮތުގައި. މާނައަކީ ހަރަދުނުކޮށް މި ފަންޑް ހުންނާނީ ސެންޓްރަލް ބޭންކްގައި ރައްކާކޮށްފައޭ. މިއީ ވަރަށް ތަފާތު މޮޑެލްއެއް. ބޭނުމަކީ ސަރުކާރުން މިއަދު ނަގާ ދަރަނިތައް ދައްކައި ޤައުމު ދަރަނިވެރިނުވާނެގޮތަކަށް ކަންކަން ބައްޓަންކުރުން" މިނިސްޓަރު އަޙުމަދު މުނައްވަރު ވިދާޅުވިއެވެ.

މިސަރުކާރުން އެކިކަންކަމަށް ލޯނު ނަގަނީ މާކެޓް ރޭޓްތަކަށްވުރެ އިންޓްރަސްޓް ރޭޓް ކުޑަކޮށްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިގޮތުން ލޯނު ދެއްކުމަށް ދިގު މުއްދަތެއް ލިބޭއިރު، ލޯނު ދެއްކުމަށްކުރަންޖެހޭ ޚަރަދުވެސް ނިސްބަތުން ވަރަށް ކުޑަކަމަށް ސަރުކާރުން ހާމަކުރައްވައެވެ.