ދީން

ސަރުކާރު މުވައްޒަފުންގެ ދީނީ ޙޭލުންތެރިކަން އިތުރުކުރަނީ


ސަރުކާރު ވުޒާރާތަކުގެ މުވައްޒަފުންގެ ދީނީ ޙޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފަށްޓަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ދީނީ ޙޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ގޮތުން އޮޅުން ފިލުވަން ބޭނުންވާ ކަންކަން ފަސޭހަކަމާއެކު އޮޅުން ފިލުވޭނެ މަގު ފަހިކޮށްދިނުމަށް ހިންގަވާ ޕްރޮގްރާމެއް ކަމަށެވެ. 

ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާފައިވަނީ ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނަށެވެ. މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދެއްވީ އިސްލާމީ ޢަޤީދާއާ ބެހޭ ގޮތުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވީ އިސްލާމިކް މިނިސްޓަރުގެ ނާއިބު އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދުއެވެ.

ދީނީ ޙޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން، ހަފްތާގެ އެކި ދުވަސްތަކުގައި އެކި ވުޒާރާތަކުގެ މުވައްޒަފުންނަށް މަޢުލޫމާތުދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ. މިއީ މުޅި އަހަރަށް ބައްސަވާ ލައްވައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އިސްލާމިކް މިނިސްޓްރީން މީގެ ކުރިންވެސް ވަނީ މިފަދަ ޕްރޮގްރާމްތައް ހިންގަވާފައެވެ.