ވިޔަފާރި

އެއަރ ފްރާންސުން ޕެރިހާ ރާއްޖެއާ ދެމެދު ދަތުރުތައް ފަށަނީ


އެއަރ ފްރާންސުން ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހާ ރާއްޖެއާ ދެމެދު ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

އޭވިއޭޝަން ސިނާއަތާ ގުޅޭ ޚަބަރު ގެނެސްދޭ ވެބްސައިޓު، އޭވިއޭޝަން ޓްރިބިއުންގައި، އެއަރ ފްރާންސާ ޙަވާލާދީ ބުނެފައިވަނީ، އެއަރ ފްރާންސުން ހަފްތާއަކު ދެ ދަތުރު ރާއްޖެއަށް ކުރާނެ ކަމަށާއި މި ދަތުރުތައް މިއަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ފަށާނެ ކަމަށެވެ.

އެއަރ ފްރާންސުން ރާއްޖެއަށް އުދުހުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ، ބޮއިންގ 200-777 މަރުކާގެ، 312 ގޮނޑީގެ މަތިންދާ ބޯޓެއް ކަމަށް އެ އެއަރލައިނުން ހާމަކުރެއެވެ.

ރާއްޖެއަކީ، އެއަރ ފްރާންސްގެ ކަސްޓަމަރުންގެ މެދުގައި މަޤްބޫލް މަންޒިލެއްކަން އެ އެއަރލައިނުން ފާހަގަކުރެއެވެ. މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ފަރަންސޭސިވިލާތުން އައިސްފައިވާ ފަތުރުވެރިންގެ ޢަދަދު ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ދަށަށް ގޮސްފައެވެ. އެއަރ ފްރާންސުން ރާއްޖެއަށް މި ފަށާ ދަތުރުތަކާއެކު ފަރަންސޭސިވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.