ސިޔާސީ

މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބަދަލު ގެނައުމަށް ހުށަހަޅައިފި


ބައެއް މިނިސްޓްރީތަކުުގެ މަސައްކަތްތަކަށް ބަދަލު ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދު ﷲ މަޞީޙް މުޙައްމަދަށް ރައީސް ޔާމީން ފޮނުއްވެވި ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތްއޮތުން ނިމުމަކަށް ގެނައުމާ ގުޅިގެން، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ދަށުން ހިންގަމުންދާ ބައެއް ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތްތަކުގެ ނަންނަމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން ބަދަލުގެނެސް، އެވުޒާރާގެ މަސައްކަތްތަކުގެ ދާއިރާއަށް ގެންނަވާފައިވާ ބަދަލާގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ، ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރަށްރަށަށް ސާފު ބޯފެން ލިބުން ދަތިވާ ޙާލަތްތަކުގައި، މިނިޒާމުގެ ދަށުން އެ ރަށްރަށަށް ސާފު ބޯފެން ފޯރުކޮށް ދިނުމަކީ، މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ އެންޑް އެނާރޖީން ކުރައްވާ މަސައްކަތެއްގެ ގޮތުގައި މިދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާތީ އެވުޒާރާގެ މަސައްކަތުގެ ދާއިރާއަށް ގެންނަވާފައިވާ ބަދަލާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ، ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް ވެސް ރައީސް ޔާމީން ވަނީ މަޖިލީހުގެ ރައީސަށް ފޮނުއްވެވި ސިޓީފުޅުގައި ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ސިޓީފުޅުގައި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަސައްކަތުގެ ލިސްޓަށް އިތުރުކުރައްވައި، ޒަމާނުއްސުރެ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރައްވަމުން ގެންދެވި ބައެއް މަސައްކަތްތަކަށް ބަދަލު އައިސްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. މި ސިޓީފުޅުގައި ފިނޭންސް މިނިސްޓްރީން ކުރައްވާ ބައެއް މަސައްކަތްތައް އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ލިސްޓްގައި ހިމެނިފައިނުވާކަން ފާހަގަކުރެވޭތީ، އެވުޒާރާގެ މަސައްކަތުގެ ދާއިރާއަށް ގެންނަވާފައިވާ ބަދަލާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ، ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް ވެސް ރައީސް ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. 

ހަމަމިއާއެކު މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 22ވަނަ ދުވަހު އެޓަރނީ ޖެނެރަލް އޮފީހުގެ މަސައްކަތްތަކަށް ބަދަލު ގެންނަވާފައިވާތީ އެ މައްސަލަވެސް ދިރާސާކޮށް ނިންމެވުމަށް ރައީސް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

ރާއްޖެއަށް އެތެރެކުރާ ކެމިކަލްތަކުގެ ތެރެއިން އާންމު ޞިއްޙަތަށް ނޭދެވޭއަސަރުކުރާ ކެމިކަލްތައް ދެނެގަތުމަށްޓަކައި އިވެލުއޭޓްކޮށް ހެލްތު ކްލިއަރެންސް ދިނުމަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރުވެސް ކުރަމުންދާ މަސައްކަތަކަށްވާތީ، މި މަސައްކަތް އެ އޮތޯރިޓީގެ މަސައްކަތުގެ ލިސްޓަށް އިތުރުކުރައްވާ، މަސައްކަތުގެ ދާއިރާއަށް ގެންނަވާފައިވާ ބަދަލާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށްދެއްވުމަށްވެސް ރައީސް ޔާމީން މަޖިލީހަށް ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.