ވިޔަފާރި

ދިރޭއެން ހޯދުމުގައި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް


މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނުގައި، ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން މިއަހަރުތެރޭގައި ކުރައްވަން ނިންމަވާފައިވާ ބޮޑެތި ކަންކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ބައެއް މޫސުންތަކުގައި މަސްވެރިކަމަށް ބޭނުންވާ ދިރޭއެން ހޯދުމުގައި މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރެއްވުމުގެ ގޮތުން، އެމުގެ ގޮތުގައި ބޭނުންކުރެވޭ މަހުގެ ބާވަތެއްކަމަށްވާ ބޭންގް އާލާކުރުމުގެ މަޝްރޫޢެއް ސަރުކާރުން ފަށްޓަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވަނީ އިޢުލާން ކުރައްވާފައެވެ. އެމަނިކިފާނު ހާމަކުރެއްވި ގޮތުގައި މިއަހަރުތެރޭގައި ސަރުކާރުން މި މަޝްރޫޢު ފަށްޓަވާނެއެވެ.

img:http://s1.psmnews.mv/images/660x400/14863760831089.jpg|ރައީސުލްޖުމްހޫރިއްޔާ 2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީސް ހުޅުއްވައިދެއްވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަނީ- ފޮޓޯ: ރައީސް އޮފީސް

މިހާރު މަސްވެރިން ޢާއްމުކޮށް އެމުގެ ގޮތުގައި ބޭނުންކުރަނީ ރެހި، ބޯދި، މުގުރާން ފަދަ ބައިބަޔަށް އުޅޭ ކުދިމަހުގެ ބާވަތްތަކެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް މޫސުންތަކުގައި މި ބާވަތްތަކުގެ އެން ހޯދުމަށް ދަތިވާކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ.

ބޭންގް އާލާކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިވްސްއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ މަސްވެރިކަމުގައި ބޭނުންކުރާ އެމުގެ ގޮތުގައި ބޭންގް ބޭނުން ކުރެވޭނެކަން ދިރާސާތަކުން ދައްކާ ކަމަށެވެ.

އެގޮތުން ބޭންގް އާލާކުރުމުގެ މަޝްރޫޢު ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމަށާއި މި އަހަރުތެރޭގައި ރާއްޖޭގެ ކޮންމެވެސް އެއް ސަރަޙައްދެއްގައި މިމަޝްރޫޢު ފެށިގެންދާނެ ކަމަށް ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ މި މަޝްރޫޢު ފަށާނެ ރަށެއް ނިންމުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، މިހާރު ބައެއް ރަށްރަށް ޝޯޓު ލިސްޓުކޮށްފައިވާ ކަމަށެވެ. އަދި ބޭންގު އާލާކުރުމުގެ މަޝްރޫޢަށް ބޭނުންވާ ފައިސާވެސް ބަޖެޓުގައި ހިމަނުއްވާފައިވާ ކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ. އަދި މިމަޝްރޫޢުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މަސްވެރިންނަށް ބޭންގް ފައްސޭހައިން ލިބޭނެ ފަދަ ގޮތަކަށް މަޝްރޫޢު ކުރިއަށްގެންދެވުމަށް ކަމަށްވެސް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.