ޚަބަރު

އައްޑޫ ސިޓީގެ ޕޯޓްތަކުގައި ފާރަގެމަ ބޭނުންކުރަން ފަށަނީ


ކުރިއަށް އޮތް ތިންމަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ޕޯޓްތަކުގައި ފާރަވެރިކަމަށް ބޭނުންކުރާ ކުއްތާ ނުވަތަ ފާރަގެމަ ބޭނުންކުރައްވަން ފައްޓަވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމުގައި، ފާރަގެމަ ނުވަތަ ކޭ-ނައިން ސްކޮޑް ބޭނުންކުރައްވަން ފެށްޓެވިފަހުން ގިނަ ގޮތްގޮތުން ކުރިއެރުން ލިބިފައިވާކަމަށެވެ.  

ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑުމަގުން އެތެރެކުރާ މަސްތުވާތަކެތި މަދުކުރެއްވުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި، މާލޭގެ ސީޕޯޓްތަކުގައިވެސް ފާރަގެމަ ބޭނުންކުރައްވަމުން ގެންދަވައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހޙައްދުތަކުން އަތުލައިގަތް 250 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމުގައި ފުލުހުންނާއި ކަސްޓަމްސްއިން ކުރެއްވި މަސައްކަތަށް ވަނީ ފަސޭހަތަކެއްލިބިފައެވެ. 

ފާރަގެމައިގެ މަސައްކަތްތަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ ވިދާޅުވީ، މައިގަނޑު ގޮތެއްގައި މިހާރު ފާރަ ބޭނުންކުރައްވަމުން ގެންދަވަނީ މާލޭގައިކަމަށެވެ. މަދުން ނަމަވެސް އަތޮޅުތަކުގައިވެސް މަސްތުވާތަކެތި އަތުލައިގަތުމުގެ އޮޕަރޭޝަންތައް ފާރަގެމަ ބޭނުންކުރައްވައިގެން ކުރިއަށްގެންދަވާކަން މޫސާ ޢަލީ ފާހަގަކުރެއްވިއެވެ.

"ފާއިތިވު އަހަރުވެސް އަޅުގަނދުމެން ވަރަށް ގިނަ އޮޕަރޭޝަންތައް ހިންގާފައިވަނީ، ޚާއްސަކޮށް މާލޭގައިވެސް ހިންގި އޮޕަރޭޝަންތަކުގައި ކޭ ނައިން ބޭނުންކޮށްގެން އެބަހުރި މަސްތުވާތަކެތި ހޯދާފައި. ހުޅުމާލޭގެ ޕޮލިސްޓޭޝަނާއި ގުޅިގެން އެތަނުގައިވެސް ޚާއްސަ އޮޕަރޭޝަންތަކެއް ވަނީ ހިންގިފައި. އަދި ހަމަ އަތޮޅުތަކުގައިވެސް ކޭ-ނައިން ބޭނުންކުރަމުންދަނީ." ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ ވިދާޅުވިއެވެ. 

ފާރަގެމަ އަތޮޅުތަކަށް ގެންދަނީ ވައިގެ މަގުންކަމަށާއި އެކަމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރިކަން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ފާހަގަކުރައްވައެވެ.

ފުލުހުންގެ ސްޓްރެޓީޖިކް އެންޑް ލީގަލް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުން އިންޓަނޭޝަނަލް ބޯޑަރ ލައިންތަކުގައި ފާރަގެމަ ބޭނުންކުރައްވައިގެން މަސްތުވާތަކެތި އަތުލައިގަތުމުގެ އޮޕަރޭޝަންތައް ފެށްޓެވުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން، ދެން އެންމެ އަވަހަށް ފާރަގެމަ ބޭނުންކުރައްވަން ފަށްޓަވާނީ، އައްޑޫ ސިޓީގެ ޕޯޓްތަކުގައިކަމަށް ޝިފާން ވިދާޅުވިއެވެ.

"ކުރިއަށްއޮތް ތިންމަސް ދުވަސްތެރޭގައި އައްޑު އަތޮޅުގައި ބޭނުންކުރާ އެއަރޕޯޓް، އަދި ސީޕޯޓްގައިވެސް ފާރަ ބޭނުންކުރަން ފެށޭނެ. އިރާދަކުރެއްވިއްޔާ ފާރަ ބޭނުންކޮށްގެން ގެން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި މަސްތެވާތަކެތީގެ އޮޕަރޭޝަންތައް ހިންގަން ފުލުހުންފެ ފަރާތުން އެދެވޭ މަސަކަތްތަކެއް ކުރަމުން މިދަނީ." ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވިއެވެ. 

އަތޮޅުތަކުގައި ފާރައެއް ނުވަތަ ޑޯގެއް ބޭނުންކުރައްވަން ފަށްޓަވާއިރު، މިހާރު ބޭނުންކުރައްވާ ޢަދަދެއްވުރެ އިތުރަށް ކުއްތާ ބޭނުންކުރެވޭނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ވިދާޅުވެއެވެ.