ޚަބަރު

އޭސީސީއަށް ހުށަހެޅުނު މައްސަލަތައް 15 އިންސައްތަ އިތުރުވެއްޖެ


އެންޓި ކޮރަޕްޝަން ކޮމިޝަނަށް މިދިޔަ އަހަރު ހުށައެޅުނު މައްސަލަތައް އޭގެ ކުރީ އަހަރާއި އަޅާބަލާއިރު، 15 އިންސައްތަ އިތުރުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން އޭ.ސީ.ސީން ޢާންމުކުރައްވާފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، 2015 ވަނަ އަހަރު ނިމުނުއިރު އެކޮމިޝަނުގައި 832 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވެއެވެ. އަދި 2016 ވަނަ އަހަރުގެ ނިމުނު އިރު 15 އިންސައްތައިގެ އިތުރުވުމަކާއެކު 958 މައްސަލައެއް ވަނީ އޭ.ސީ.ސީގައި ރަޖިސްޓްރީ ކުރައްވާފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގައި ރަޖިސްޓްރީކުރެއްވި މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާކުރުމަށްފަހު، ތަޙްޤީޤު ކުރުމަށް 2016 ވަނަ އަހަރު 764 މައްސަލަ ނިންމާފައިވެއެވެ. 2015 ވަނަ އަހަރު ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 611 މައްސަލައެވެ.

މީގެ އިތުރުން، އޭސީސީއަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައް އެ މެންޑޭޓެއް އޮތް ދައުލަތުގެ އިދާރާއަކަށް އޭސީސީން ގެންދަވަނީ ފޮނުވަމުންނެވެ.

މިގޮތުން 2016 ވަނަ އަހަރު 63 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު 2015 ވަނަ އަހަރު އެހެނިހެން އިދާރާތަކަށް 47 މައްސަލައެއް އެސީސީން ވަނީ ފޮނުވާފައެވެ. އަދި، އެކަށީގެންވާ ވަރަށް މަޢުލޫމާތު ނެތިގެން މިއަހަރު 148 މައްސަލައެއް ނުބަލާ ދޫކޮށްލާފައިވާއިރު، 2015 ވަނަ އަހަރު 137 މައްސަލަ ނުބަލާ ދޫކޮށްލާފައިވާކަމަށް އެސީސީން އާންމުކުރެއްވި ތަފާސް ހިސާބުތަކުން ދައްކައެވެ.