ކުޅިވަރު

މެޗު ބަލަންދާ ސަޕޯޓަރުން މާޔޫސްވާކަށް ނުޖެހޭނެ- ފެސްކޯ


މާދަމާގެ މެޗު ބަލަންދާ ސަޕޯޓަރުން މާޔޫސްވެގެން އެނބުރި ދާން ނުޖެހޭނެކަމަށް ވެލެންސިޔާގެ ކޯޗް އަޙުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް ޖާގައެއް ހޯދުމަށް ކުޅޭ ޕްރިލިމިނަރީ ބުރުގައި މާދަމާ ރަސްމީ ދަނޑުގައި ބޫޓާންގެ ތިމްޕޫ އެފްސީއާއެކު ދެވަނަ ލެގަށް ނުކުންނައިރު ކުރިން ބޫޓާންގައި ކުޅުނު މެޗް އޮތީ ގޯލެއް ނުޖެހި އެއްވަރުވެފައެވެ. އެހެންކަމުން އަމިއްލަ ދަނޑުގައި، އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅެން ނުކުންނައިރު ހުރިހާ ގޮތަކުންވެސް އެޑްވާންޓޭޖް އޮތީ ވެލެންސިޔާއަށެވެ.

އަހަރުތަކަކަށްފަހު ވެލެންސިޔާގެ ކޯޗުކަމާ ހަވާލުވި ފެސްކޯ ބުނީ އަލުން ވެލެންސިޔާއާއެކު މަސައްކަތްކުރެވޭތީ އުފާވާކަމަށެވެ. އަދި މިފަހަރު ވެލެންސިޔާއާ ހަވާލުވިއިރު ވެލެންސިޔާ ފެންނަނީ ކުރިން އޭނާ ކޯޗްކޮށްދިން ވެލެންސިޔާއަށްވުރެ ވަރުގަދަކޮށްކަމަށް ފެސްކޯ ބުންޏެވެ.

ވެލެންސިޔާ ބޫޓާން މެޗަށް ދިޔައީ މަދު ޕްރެކްޓިސްތަކެއް ކުރުމަށްފަހުއެވެ. ފަރުބަދަމަތީ ޤައުމެއްކަމަށްވާ ބޫޓާންގައި މެޗް ކުޅުންއިރު ފިނިހޫނުމިން ހުރީ މައިނަސް އެކެއް ޑިގްރީ ސެލްސިއަސްގައެވެ.

ފެސްކޯ ބުނީ މަދު ޕްރެކްޓިސް ތަކަކަށްފަހު އުނދަގޫ މާހައުލެއްގައި ވެލެންސިޔާއިން ދެއްކި ކުޅުމާއި، ނެރުނު ނަތީޖާޔަށް ތައުރީފް ހައްޤުކަމަށެވެ.

"ބޫޓާންގައި ދެއްކި ކުޅުން ވަރަށް ރަނގަޅު، މެޗަށް ރަނގަޅަށް ތައްޔާރުނުވާކަން ފެނިގެނެއް ނުދޭ. ވަރަށް ޑިސިޕްލިން، ރަނގަޅު ޕާފޯމެންސެއް. 1- ޑިގްރީގައި ކުޅެން ޖެހުނުނަމަވެސް އެކަން ނުފެނޭ" ފެސްކޯ ބުންޏެވެ.

ފެސްކޯ ވަނީ ވެލެންސިޔާގެ ސަޕޯޓަރުން މާދަމާ ދަނޑަށް ވަނުމަށް ގޮވާލަފައެވެ. އަދި ބޫޓާންގައި ނެރުނު ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް މާދަމާ ނެރެވޭނެކަމަށް ފެސްކޯ އުންމީދުކުރެއެވެ.

ފެސްކޯ ބުނީ ކުޅޭނީ އެޓޭކިންގ ގޭމެއްކަމަށާއި، ބޭނުންވަނީ މެޗުން މޮޅުވާންކަމަށެވެ.

ފެސްކޯ ބުނީ އޭނާއަށް މިހާރު ލިބިފައިވާ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އޭނާއާއެކު މަސައްކަތްކުރަން ލިބިފައިވާ ކޯޗިންގ ޓީމްކަމަށެވެ.

އެކުގައި މަސައްކަތްކޮށްފައިވާ ޤާބިލް ކޯޗިންގ ޓީމެއް އޮތުމަކީ އެންމެ ބޮޑު ހިތްހަމަޖެހުމުގެ ގޮތުގައި ފެސްކޯ ސިފަކުރިއެވެ.

ތިމްޕޫގެ ކޯޗް ޕައްސާން ޝެރިންގ ބުނީ ހޫނުގެ ސަބަބުން ރާއްޖޭގައި ކުލެން ކޮންމެވެސްވަރަކަށް މައްސަލަ ކުރިމަތިވެދާނެކަމަށާއި، އެކަމަކު އެއީ މާބޮޑު މައްސަލައެއްގެ ގޮތުގައި ނުދެކޭކަމަށެވެ. ޝެރިންގ ބުނީ ވޭތުވެދިޔަ ތަނުގައި ބޫޓާންއަށް ރާއްޖެ އަތުން ރަނގަޅު ނަތީޖާއެއް ނެރެވިފައިނެތްނަމަވެސް މާދަމާގެ މެޗަކީ ރާއްޖޭގެ ކްލަބެއް އަތުން މޮޅުވެ، ތާރީޙް ބަދަލުކޮށްލަން ލިބޭ ރަނގަޅު ފުރުސަތެއްކަމަށެވެ.

 މާދަމާގެ މެޗުން މޮޅުވާ ޓީމެއް ޕްލޭއޮފްގައި ވާދަކުރަންޖެހޭނީ އިންޑިޔާގެ މޯހަން ބަގާންއާއި ސްރީލަންކާގެ ކޮލޮމްބޯ ވާދަކޮށް މޮޅުވާ ޓީމަކާއެވެ.

މާދަމާ ހަވީރު ކުޅޭ މެޗު ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.