ކުޅިވަރު

ސްޕޯރޓްސް އެރީނާ މަޝްރޫޢުގެ %80 މިއަހަރު ނިމޭނެ


މިއަހަރު ނިމޭއިރު ސްޕޯރޓްސް އެރީނާ ޤާއިމްކުރުމުގެ މަޝްރޫއުގެ %80 މަސައްކަތް ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 1000 ން މަތީގެ އާބާދީ ހިމެނޭ ރަށްތަކުގެ %96 އިންސައްތަ ރަށުގައި ކުޅިވަރު ކުޅެވޭނެ ވަޞީލަތްތައް ޤާއިމްކުރުމުގެ ގޮތުން ސްޕޯރޓްސް އެރީނާގެ މަސައްކަތް ފެށިފައިވާކަމަށެވެ. އަދި އިރާދަކުރެއްވިޔާ މަޝްރޫއުގެ %80 އިންސައްތަ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެކަމަށެވެ.

މިމަޝްރޫއުގެ ދަށުން މިހާތަނަށް ރާއްޖޭގެ 18 ޞަރަހައްދެއްގައި 48 ފުޓްސަލް ދަނޑު ނިމި މިހާރުވެސް ދަނީ ބޭނުންކުރަމުންނެވެ. އަދި 22 ދަނޑުގެ މަސައްކަތް ނިމެން ކައިރިވެ، ބޭނުންކުރައް ތައްޔާރުވެފައިވާކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. 21 ދަނޑުގެ މަސައްކަތް މިމަހުގެ ފަހުކޮޅު ކޮންޓްރެކްޓަރާ ހަވާލުކުރެވޭނެކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއްވާފައިވެއެވެ. މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރައްވައިގެން ހައްދަވާ 67 ދަނޑެއްގެ މަސައްކަތް މިއަހަރު ނިމޭނެކަންވެސް ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ އިއުލާންކުރައްވާފައެވެ. 

ސްޕޯރޓްސް އެރީނާ މަޝްރޫއުގައި ހިމެނޭ އެއް ކޮމްޕޯނަންޓް ބަށި ކޯޓަކީވެސް މުޙިއްމު ބައެކެވެ. މިހާތަނަށް 60 އަަށްވުރެ ގިނަ ބަށި ކޯޓްގެ މަސައްކަތް ވަނީ ނިންމަވާފައެވެ. މިމަސައްކަތަށް އެކަނިވެސް 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. 30 ބަށި ކޯޓްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، 40 ކޯޓް އަޅަން ކައުންސިލްތަކަށް ސިޓީ ފޮނުއްވާފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. ސްޕޯރޓްސް އެރީނާގެ ދަށުން ޤާއިމްކުރެއްވި ބަށި ކޯޓްތަކުގައި މިހާރު ދަނީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ބަށި މުބާރާތް އަދި އަންހެން ބޭފުޅުންނަށް އަމާޒުކޮށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކުޅެމުންނެވެ. 

މިމަޝްރޫއުގެ ދަށުން ވޮލީ ކޯޓާއި، ކުޅިވަރުގެ އެހެން ވަޞީލަތްތައްވެސް ދަނީ ޤާއިމްކުރައްވަމުންނެވެ. މުޅި މަޝްރޫއު ނިމޭއިރު ކޮންމެ ސްޕޯރޓްސް އެރީނާއެއްގައި އިންޑޯ އަދި އައުޓްޑޯ ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރެވޭނެއެވެ. 

މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެފައިވަނީ ސްޕޯރޓްސް އެރީނާގެ ކޮންމެވެސް ޕްރޮޖެކްޓެއް ނުފަށާ، ނުނިމޭ ރަށެއް މިހާރު ނޯންނާނެކަމަށެވެ. 

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިިދިޔަ އަހަރަކީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ލިބުނު އަހަރެއްކަން ފާހަގަކުރައްވާފައެވެ. އެކި ކުޅިވަރުތަކުން މިދިޔަ އަހަރު 4 ގޯލްޑް މެޑަލް، 6 ސިލްވަރ މެޑަލް، އަަދި 22 ބްރޯންޒް މެޑަލް ރާއްޖޭގެ ކުޅުންތެރިން ހޯދިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. 

img:http://s1.psmnews.mv/images/660x400/14863633066634.jpg|މިދިޔަ އަހަރު މެޑަލް ހޯދި ޓީޓީ ޓީމްގެ ކުޅުންތެރިން

މިދިޔަ އަހަރު ކުޅިވަރުން ރާއްޖެ ހޯދި ކާމިޔާބީތަކަށް ބަލާއިރު ޤައުމީ ފިރިހެން އަދި އަންހެން ބާސްކެޓް ޓީމް ފުރަތަމަ މެޑަލް ހޯދިކަން ފާހަގަކުރެވެއެވެ. ފިރިހެން ޓީމް ވަނީ އޭޝިޔާ ޗެލެންޖް ސާބާ ޒޯން ކޮލިފައިންގައި ވާދަކޮށް ރިހި މެޑަލް ހޯދާފައެވެ. އަންހެން ޓީމް ވަނީ ސައުތް އޭޝިއަން ވިމެންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކޮށް ލޯ މެޑަލް ހޯދާފައެވެ.

މިދިޔަ އަހަރު ކުޅުންތެރިން ހޯދި ރަން މެޑަލްތަކަށް ބަލާއިރު ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ އިންޑިޔާގެ އެންމެ ބޮޑު ރޭހުގައި ވާދަކޮށް 100މ ދުވުމުން އެއްވަނަ ހޯދާފައެވެ. ރެކޯޑަކާއެކު 200މ ގެ ދެވަނަވެސް އޭނާ ހޯދިއެވެ. މެލޭޝިޔާގައި އޮތް ބައިނަލްއަޤްވާމީ ބޮޑީ ބޯޑިންގ މުބާރާތުގެ ދެ ކެޓަގަރިއަކުން ރާއްޖޭގެ އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ދެ ރަން މެޑަލް ހޯދިއެވެ. އެއީ ޑްރޮފްނީ އަދި ޕްރޯން އޯޕަން ކެޓަގަރީންނެވެ. 

ފެތުންތެރިޔާ އައިޝަތު ސަޖާންވެސް ވަނީ ލަންކާގައި އޮތް ސައުތް އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރިހި މެޑައްޔަކާއި ލޯ މެޑެއްޔެއް ހޯދާފައެވެ. ފިރިހެން ވޮލީ ޓީމް ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ވާދަކޮށް ލޯ މެޑަލް ހޯދީވެސް މިދިޔަ އަހަރުއެވެ.

ޖޫނިއަރ ޓޭބަލް ޓެނިސް ޓީމް ހޯދި ކާމިޔާބީއަކީވެސް މިދިޔަ އަހަރު ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. އަންހެން ޓީމް ރިހި މެޑަލް ހޯދީ ސައުތް އޭޝިއަން ޖޫނިއަރ ޓޭބަލް ޓެނިސް ޗެންޕިއަންޝިޕްގެ 18 އަހަރުން ދަށުގެ ބައިންނެވެ. ޑަބަލްގައި ރަފާއާއި ލައިޝާ ވަނީ ސިލްވަރ މެޑަލްވެސް ހޯދާފައެވެ. ފިރިހެން ކުޅުންތެރިން ޓީމް އިވެންޓްގެ ލޯ މެޑަލްވެސް ހޯދިއެވެ.