ރާއްޖޭގައި ހަދާ އެންމެ އުސް ޢިމާރާތް، އައިޖީއެމްއެޗްގެ ފަންސަވީސް ބުރީގެ ޢިމާރާތް ޞިއްޙީ ދާއިރާއަށް ޚާއްސަކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޞިއްޙީ ދާއިރާއަށް ދެއްވާ ސަމާލުކަން ފެނިގެންދާ ވަރަށްބޮޑު ހެއްކެއް ކަމަށް، މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރަށް ރައްޔިތުން މަޖިލީސް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނާ ގުޅިގެން ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ އަހަރު ޞިއްޙީ ދާއިރާއިން ސަރުކާރުން އެންމެބޮޑު އިސްކަމެއް ދެއްވީ ރާއްޖެއިން ލިބެން ނެތް ބައެއް ޚިދުމަތްތައް ސަރުކާރުގެ މައި ހޮސްޕިޓަލް އައި.ޖީ.އެމް.އެޗް.ގައި ޤާއިމުކުރެއްވުމަށްކަމަށެވެ. މިގޮތުން މުޅިން އާ ޚިދުމަތްތަކެއް އެހޮސްޕިޓަލުން ދެއްވަން ފަށްޓަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ނޭޝަނަލް ކާޑިއެކް ސެންޓަރެއް ޤާއިމުކޮށް، އެ ސެންޓަރުން ޚިދުމަތްދޭން ފެށުމާއި، ނޭޝަނަލް ޔޫރޯ-ރީނަލް އެންޑް ފަރޓިލިޓީ ސެންޓަރެއް ޤާއިމުކޮށް، ކިޑްނީގެ ބަލިތަކާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ފަރުވާ ލިބޭނެ އިންތިޒާމު، އައި.ޖީ.އެމް.އެޗް.ގައި ވަނީ ހަމަޖައްސާދީފައި. އަދި މިދިޔަ އަހަރު، ޑިޖިޓަލް އެކްސްރޭގެ ޚިދުމަތް އައި.ޖީ.އެމް.އެޗްގައި ފެށިގެން ދިޔުމަކީ ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކަކީ، އެންމެފަހުގެ ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ފަރުވާދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް.،" ރައީސް ޔާމީން ވިދާޅުވިއެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން، އައިޖީއެމްއެޗުގެ 25 ބުރީގެ އާ ޢިމާރާތަށް އިޝާރާތްކުރައްވައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރާއްޖޭގައި މިހަތަނަށް ހަދާ އެންމެ އުސް އިމާރާތް، ޞިއްޙީ ދާއިރާއަށް ޚާއްސަކުރެއްވުމުން ދޭހަވަނީ ރައީސް ޔާމީން ޞިއްޙީ ދާއިރާއަށް ދެއްވާ ސަމާލުކަން ކަމަށެވެ.
އައްޑޫސިޓީގައި ޤާއިމުކުރައްވާ 100 އެނދުގެ ހޮސްޕިޓަލް އަންނަ އަހަރުގެ ތެރޭގައި ހުޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަނީ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އުތުރުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރެއްވުމަށް ބޭރުގެ ފަރާތަކާ ޙަވާލުކުރެއްވުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ އުތުރުގަޔާއި، ދެކުނުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް ޤާއިމްވުމުން އެސަރަޙައްދުތަކުގެ ރައްޔިތުން މާލެ ނައިސް ފުރިހަމަ ޞިއްޙީ ޚިދުމަތް ލިބޭނެކަމަށެވެ. މިކަމަށް 160 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކުރައްވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ހެލްތް އިންޝުއަރެންސް ސްކީމް، އާސަންދައަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މުޅި ރައްޔިތުން ޝާމިލްވާ، މިފަދަ އޯގާތެރި ހެލްތް އިންޝިއަރެންސް ސްކީމެއް ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ނެތް ކަމަށެވެ.
ރާއްޖޭގައި ހުރި ސަރުކާރުގެ އެންމެބޮޑު ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗަށް ކުރާ އިތުބާރު ބޮޑުކުރައްވައި ޞިއްޙީ ޚިދުމަތް ހޯދުމަށް ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ޚަރަދުތައް ކުޑަކުރުމަކީވެސް ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަމަށް ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިއެވެ.