ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މާދަމާ ރިޔާސީ ބަޔާން އިއްވަވާނެ


ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ޤައުމުގެ ޙާލަތު ބަޔާންކޮށް، ޙާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަމުގެ މައްޗަށް ބިނާކޮށް ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާން އިއްވެވުން މާދަމާ އޮންނާނެއެވެ.

ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވަވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2017 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވެވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10 ޖަހާއިރު ދަރުބާރުގޭގައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޔާސީ ބަޔާން އިއްވަވާ 4 ވަނަ ފަހަރެވެ. އެމަނިކުފާނު މީގެ ކުރިން އިއްވެވި ރިޔާސީ ބަޔާންތަކުގައި ޤައުމުގެ ކުރިމަގާމެދު އެމަނިކުފާނުގެ ސަރުކާރުގެ ތަޞައްވުރު ބަޔާންކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އިޖްތިމާއީ އަދި އިޤްތިޞާދީ ޙާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސަރުކާރުން ހިންގަވާ އިޞްލާހީ މަސައްކަތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މާދަމާ އިއްވަވާ ރިޔާސީ ބަޔާނާ ގުޅޭގޮތުން ޕީ.އެސް.އެމަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރ ރިޔާޒް ރަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަކީ ވަރަށްބޮޑެތި އުންމީދުތައް ލިބިގެންދާނެ ރިޔާސީ ބަޔާނަކަށް ވާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް ރިޔާސީ ބަޔާނުގައި އެމަނިކުފާނު ބަޔާންކުރައްވާ ކަންކަމަށް ޢަމަލީ ސިފަ އަންނަމުންދާކަމީ ޤައުމާއި ރައްޔިތުންނަށް އޮތް ހެޔޮފާލެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އިދިކޮޅު މައި ޕާޓީ، އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގުރޫޕުންވަނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށް އެޕާޓީއަށް ނިސްބަތްވާ މެންބަރުން ޙާޞިރުވެވަޑައިނުގަތުމަށް ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސަތުގެ ފުރަތަމަ ދައުރުގެ 4 ވަނަ ރިޔާސީ ބަޔާން އިއްވަވާއިރު ދިވެހިރާއްޖޭގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢޫތަކެއް ގެންދަވަނީ ހިންގަވަމުނެވެ. އެގޮތުން އިޤްތިޞާދު ކުރިއަރާ ނިސްބަތް ވޭތުވެދިޔަ އަހަރުގެ ތެރޭގައި މައްޗަށް ޖެހިފައިވާއިރު، ޢުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއް އެއްފަހަރާ ގެންދަވަނީ ހިންގަވަމުނެވެ.