ޚަބަރު

"ކޯޓްތަކުން ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އިސްކަންދެން"


ޢަދުލުއިންޞާފަށް ވާސިލުވުމުގެ މަގު ފަހިކޮށްދެއްވުމަށްޓަކައި ޝަރުޢީ ކޯޓްތަކުން ދެއްވާ ޚިދުމަތްތަކުގެ ފެންވަރު މަތިކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދު ﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަރުޢީ ކޯޓްތަކުގެ އިދާރީ ހިންގުމުގެ ނިޒާމު އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރެއްވުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި ބާއްވަވާ މަހާސިންތާ ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދު ﷲ ސަޢީދު ވިދާޅުވީ ކޯޓްތަކުގެ އިދާރީ ކަންކަން ހަރުދަނާކޮށް، ކޯޓްތަކުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަކީ މިޒަމާނުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނިޒާމުތަކުގައި ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭކަމެއް ކަމަށެވެ.

މިގޮތުން ރާއްޖޭގެ ޝަރުޢީ ދާއިރާއިންވެސް މިކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެއީ އެކަށީގެންވާ އަވަސްމިނެއްގައި ޢަދުލުއިންޞާފަށް ވާސިލުވުމުގެ މަގުފަހިކޮށްދިނުމަށް ކޮންމެހެން މުހިންމުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހައި ޕާރފޯމަންސަކީ އެކަށީގެންވާ އަވަސްމިނެއްގައި އަދި ކަނޑައެޅިފައިވާ ވަގުތުގައި ޖަދުވަލުގެ ތެރޭގައި މަތީފެންވަރެއްގައި ޢަދުލުއިންޞާފު ޤާއިމުކުރުން ކަށަވަރުކޮށް ހަރުދަނާ ކުރުމަށް، ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭންގެ ތެރޭގައި ހިމެނޭ މުހިންމު މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް މިންގަނޑުކަން ފާހަގަކުރަން." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާއިން ކުރިއަށްގެންދަވާ މި ކޮންފަރެންސަކީ ޝަރުޢީ ކޯޓްތަކުގެ އިދާރީ ހިންގެވުން އިތުރަށް ހަރުދަނާ ކުރެއްވުމަށްޓަކައި ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި ބާއްވަވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ ތެރޭގައި ޖުޑީޝަރީން 2016 ވަނަ އަހަރުގެ ތެރޭގައި ހޯއްދަވާފައިވާ ކާމިޔާބީތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޝަރުޢީ ދާއިރާގެ ކަންކަން ހަރުދަނާކުރައްވައި ޚިދުމަތްތައް އަވަސް ކުރެއްވުމަށްޓަކައި މުއައްޒަފުންގެ ބައިވެރިވުން އިތުރުކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސްގައި ޝަރުޢީ ކޯޓްތަކުގެ ތެރެއިން ހައިކޯޓާއި ސުޕީރިއަރ ކޯޓްތަކުގެ ބައެއް ފަނޑިޔާރުންނާއި، އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.