ޚަބަރު

ސަރުކާރުން ދޫކުރައްވާ ޙަލާލު ސެޓްފިކެޓް ބަލައިގެންފި


ދިވެހި ސަރުކާރުން ދޫކުރައްވާ ޙަލާލު ސެޓްފިކެޓަކީ، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ މިންގަނޑުތަކަށް ފެތޭ ސެޓްފިކެޓެއް ކަމަށް ކަނޑައެޅިއްޖެއެވެ. 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން، ދޫކުރައްވާ ޙަލާލު ސެޓްފިކެޓަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަ ސެޓްފިކެޓެއްކަމަށް ކަނޑައެޅީ، މެލޭޝިޔާގެ ޑިޕާޓްމެންޓް އޮފް އިސްލާމިކް ޑިވެލޮޕްމެންޓުންނެވެ. މިގޮތަށް ކަނޑައެޅީ، މެލޭޝިޔާގެ އިސްލާމިކް ޑިވެލޮޕްމަންޓްގެ ޓީމެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 19 އިން 23 އަށް ރާއްޖެ އައިސް، ދިވެހި ސަރުކާރުން ދޫކުރައްވާ ޙަލާލް ސެޓްފިކޭޓް ދޫކުރުމުގެ މަސައްކަތްތައް އޮޑިޓްކުރުމަށްފަހުއެވެ. އަދި އެޑިޕާޓްމަންޓްގެ ޓީމެއް މިދިޔަ ޖެނުއަރީ މަހު ރާއްޖެ އައިސް، ރާއްޖޭގައި މި ސެޓްފިކެޓް ދެވޭ ގޮތާއި އެކަމުގައި ޢަމަލުކުރާ އުޞޫލުތަކާއި ބަލާގޮތްތައް ދެނެގަނެ ވަނީ މޮނިޓަރކޮށްފައެވެ. 

މި ޓީމްތައް ރާއްޖެ އައިސް، ރާއްޖޭގައި މިކަން ހިނގާގޮތް ބެލީ، ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު އެދިވަޑައިގެންނެވި އެދިވަޑައިގަތުމެއްގެ މަތިންނެވެ.

ޙަލާލު ސެޓްފިކެޓަކީ، ތައްޔާރީ އުފެއްދުމެއްގައި ޖެހޭ ޙަލާލު މަރުކާއަކީ މުސްލިމުން ބޭނުންކުރުން އިސްލާމްދީން ހުއްދަކުރާ ޚުދޫދުގެ ތެރޭގައި ހިމެނޭ އެއްޗެއްކަން ކަށަވަރުކޮށްދޭ ރަސްމީ ސެޓްފިކެޓެކެވެ. ރާއްޖޭގައި ދޫކުރާ ޙަލާލު ސެޓްފިކެޓަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ސެޓްފިކެޓެއްކަން ކަނޑައެޅިކަމުގެ ލިޔުން ޙަވާލުކުރީ މިމަހުގެ ދެވަނަދުވަހުއެވެ. މިކަން އޮތީ މެލޭޝިޔާގެ ޕުލްމޭން ޕުޓްރަޖާޔާ ލޭކްސައިޑް ހޮޓަލުގައެވެ. 

މި ލިޔުން މެލޭޝިޔާގެ އިސްލާމިކް މިނިސްޓްރީގެ ފަރާތުން، ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާ ޙަވާލުކޮށްދެއްވީ މިނިސްޓަރ އިން ދަ ޕްރައިމް މިނިސްޓަރ ޑިޕާޓްމެންޓް މިސްޓަރ ވައި. ބީ މޭޖަރ ޖެނެރަލް ދާތޯ ސެރި ޖަމީލް ޚިރް ބިން އެޗް.ޖޭ ބަހަރޮމްއެވެ.

މެލޭޝިޔާގެ ޑިޕާޓްމެންޓް އޮފް އިސްލާމިކް ޑިވެލޮޕްމެންޓް- ޖަކިމް- އަކީ ޙަލާލް ސެޓްފިކޭޓް ދޫކުރުމުގެ މަސައްކަތް ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މުއައްސަސާއެވެ. އެ އިދާރާގެ ޙަލާލް ސެޓްފިކޭޝަންގެ މިންގަނޑުތަކަކީ ދުނިޔޭގެ އިސްލާމީ ގިނަ ޤައުމުތައް ބަލައިގަނެފައިވާ މިންގަނޑެކެވެ.