ޚަބަރު

ރައީސްގެ އަނބިކަނބަލުން ނ އަތޮޅަށް ކުރައްވާ ދަތުރުފުޅު


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ނ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދާވާ ދަތުރުފުޅުގައި އެއަތޮޅު ހޮޅުދުއާއި މަނަދޫ އަދި ވެލިދުއަށް ވަޑައިގެން އެ ރަށްރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ނ. ހޮޅުދުއާއި މަނަދޫ އަދި ވެލިދުއަށް ވަޑައިގަތުމުން އެރަށްރަށުން ވަނީ އެކަމަނާއަށް ހޫނުމަރުޙަބާއެއް ދަންނަވާފައެވެ.

3 ރަށުގައި ތިބި ނުކުޅެދުންތެރިކަން ހުރި މީހުންނާއި އެމީހުންގެ ޢާއިލާތަކާ ބައްދަލުކުރައްވައި، ފަރުވާގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެހީތެރިކަން ދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. ހަމައެހެންމެ އެމީހުންގެ މަޢުލޫމާތުތައް ހޯއްދަވައި، އެފަރާތްތަކަށް އެކަމަނާ ވަނީ ބައެއް އެހީތައް ވެދެއްވާފައެވެ.

img:http://s4.psmnews.mv/images/660x400/14862231367275.jpg|ރައީސްގެ އަނބިކަނބަލުން ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން

ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވަޑައިގެންނެވި 3 ރަށުގެވެސް ބައެއް އަންހެން ބޭފުޅުންނާއި އެކަމަނާ ވަކިވަކިން ބައްދަލުކުރެއްވިއެވެ. އަދި ރަށްރަށުގެ އިދާރަތަކުގެ ބޭފުޅުންނާއި ކްލަބް ޖަމްޢިއްޔާތަކާވެސް ބައްދަލުކުރައްވައި ދަތިތައް އޮޅުންފިލުއްވިއެވެ.

ފަސްޓް ލޭޑީ ބަށިބޯލް ޗެމްޕިއަންޝިޕް 2017 ފަށްޓަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ލަންދުއަށް ވަޑައިގަތުމުންވެސް އެކަމަނާއަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ލަންދުއާއި ކެނދިކުޅުދޫގެވެސް ކައުންސިލާއި، މުއައްސަސާތަކުގެ ބޭފުޅުންނާއި، ބައެއް ރައްޔިތުންނާ އެކަމަނާ ބައްދަލުކުރައްވާފައިވާއިރު، ލަންދޫ ޕީޕީއެމް އޮފީސްވެސް އެކަމަނާ ހުޅުއްވައިދެއްވިއެވެ.