ސިއްހަތު

ހުޅުމާލޭގައި 180 އަށްވުރެ ގިނަ މީހުން ކެންސަރަށް ސްކްރީންކޮށްފި


ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅުވައިގެން ހުޅުމާލޭ ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދެވި ސްކްރީންކުރުމުގެ ޕްރޮގްރާމްގައި 180އަށް ވުރެ ގިނަ މީހުން ކެންސަރަށް ސްކްރީންކޮށްފިއެވެ. 

ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ، ކެންސަރު ބައްޔަށް ސްކްރީންކުރުމުގެ ޕްރޮގްރާމަށް ޢާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބުނު ކަމަށެވެ. ސްކްރީން ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދެވީ ހުޅުމާލޭ ޢާޒީ ސްކޫލްގައެވެ. ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅުވައިގެން ހުޅުމާލޭ ހޮސްޕިޓަލުން އިންތިޒާމުކުރައްވައިގެން ކުރިއަށް ގެންދެވި ސްކްރީން ކުރުމުގެ ޕްރޮގްރާމަކީ، ކެންސަރު ބައްޔަށް ޓެސްޓުކޮށް، ކެންސަރާމެދު ޢާންމު ރައްޔިތުން ޙޭލުންތެރިކުރުވުމަށް މަޢުލޫމާތު ދެއްވުމުގެ ގޮތުން ހިންގެވި ޕްރޮގްރާމެކެވެ.

ސްކްރީން ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން، ކެންސަރަށް ސްކްރީން ކުރުމާއި ލޭގެ ޕްރެޝަރ ބެލުމާއި ހަކުރު ހުރި ތޯ ބަލައި ޓެސްޓު ހެދުމުގެ ޚިދުމަތް ދީފައިވާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވެއެވެ. ޖުމްލަ 186 މީހަކު ކެންސަރަށް ސްކްރީންކުރި ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވެއެވެ.

img:http://s1.psmnews.mv/images/660x400/14862206722993.jpg|ހުޅުމާލޭގައި ކެންސަރ ބައްޔަށް ސްކްރީންކުރުން ކުރިއަށްދަނީ

ހުޅުމާލޭ ހޮސްޕިޓަލްގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ. ޢާއިޝަތު އަރޫނާ ވިދާޅުވީ، ކެންސަރަށް ސްކްރީން ކުރުމުގެ އިތުރަށް، ދުންފަތާ ދުރުހެލިވުމާއި ކެއިންބުއިމުގެ ދުޅަހެޔޮ އާދަތަކާއި، ހެލިފެލިވެ އުޅުމާބެހޭ ގޮތުން މުޙިންމު މަޢުލޫމާތުތަކެއް ޢާންމުންނަށް ދެއްވި ކަމަށެވެ. ޑރ. އަރޫނާ ވިދާޅުވީ، ސްކްރީން ކުރުމުގެ ޕްރޮގްރާމްގައި ޢާންމުކޮށް ހުރިހާ ޢުމުރުފުރައިގެ މީހުން ބައިވެރިވެ އެކި ޓެސްޓު ހަދާ ޗެކްކުރި ކަމަށެވެ. ސްކްރީން ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން، މިމަހުގެ 7 ވަނަ ދުވަހު ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް ސްކްރީން ކުރުމަށް ނަންނޯޓުކުރުންވެސް ކުރިއަށް ގެންދެވިއެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަތޮޅުތެރޭގެ ބައެއް ހޮސްޕިޓަލުތަކުގައި ޙޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވެއެވެ.