ޚަބަރު

ކެންސަރު ޖެހިފައިވާކަން ދެނެގަންނަ ނިޒާމުތައް ހަރުދަނާކުރަންޖެހޭ


ކެންސަރު ބަލިޖެހިފައިވާކަން ކުރިން ދެނެގަތުމަށް ކަނޑައަޅާފައިވާ ނިޒާމްތައް މިހާރަށްވުރެ ހަރުދަނާކުރަން ޖެހިފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނެފިއެވެ. 

ދުނިޔޭގެ ކެންސަރުބަލީގެ ދުވަހާ ގުޅުވައިގެން ޑަބްލިޔުއެޗްއޯއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިކަމަކީ ކެންސަރު ބަލީގެ ޝިކާރައަކަށްވާ މީހުންގެ ވޭން ކުޑަކުރުމުގެ ގޮތުންނާއި މިބަލީގައި މަރުވާ މީހުންގެ ޢަދަދު ދަށްކުރުމުގެ ގޮތުން ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެއްކަމަށެވެ. މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅުވައިގެން ދުނިޔޭގެ ޞިއްޙަތުގެ ޖަމްޢިއްޔާއިން ނެރުނު ރިޕޯޓެއް ދައްކާގޮތުން ކޮންމެ އަހަރަކު 14 މިލިއަން މީހުން ކެންސަރު ބަލީގެ ޝިކާރައަކަށް ވާއިރު، މީގެ ތެރެއިން 8.8 މިލިއަން މީހުން ބަލީގެ ސަބަބުން މަރުވެއެވެ.

ޑަބްލިއު.އެޗް.އޯއިން ބުނީ ބަލީގެ ސަބަބުން ވޭނާއި ކެކުޅުން ތަޙައްމުލްކުރާ ފަރާތްތަކާއި، ފަރުވާދިނުން ލަސްވުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދުކުރެވޭނީ ބަލި ދެނެގަނެ، ބައްޔަށް ފަރުވާދިނުން މިހާރަށްވުރެވެސް އަވަސްކޮށްގެންކަމަށެވެ. 

ޖެނީވާގައި ހުންނަވައި ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޑަބްލިޔު.އެޗް.އޯގެ ކްރޮނިކް ޑިޒީޒް އެންޑް ކެންސަރ އެކްސްޕާރޓް އެތިއެން ކުގު ވިދާޅުވީ އުރަމަތީގެ ކެންސަރާއި، ބޮޑުކަމުދާ ނިޒާމަށް ޖެހޭ ކެންސަރުގެ އިތުރުން ސާރވިކަލް ކެންސަރަކީ ބަލިޖެހިފައިވާކަން ކުރިން ދެނެގަނެ، ފަރުވާދޭން ފަށައިފިނަމަ މީހާގެ ފުރާނަ ސަލާމަތްކުރެވިދާނެ ބަލިތަކެއްކަމަށެވެ.

img:http://s2.psmnews.mv/images/660x400/14862166825623.jpg|ކެންސަރު ސެލްއެއް

އޭނާ ވިދާޅުވީ މީހުންނަށް ބަލީގެ ޢަލާމަތްތައް ދެނެގަންނަން އެނގޭނަމަ ބަލީގައި ބޮޑުވަރު ނުވަނީސް ފަރުވާ ހޯދައި ރަނގަޅުވުމަށް ފުރުޞަތު ލިބޭނެކަމަށެވެ. އަދި ފަރުވާދޭ ތަންތަނުގައި ކެންސަރު ފަދަ ބަލިތަކަށް ޓެސްޓުކޮށް، ބަލި ދެނެގަނެވޭނެ ނިޒާމުތައް ޤާއިމުވެފައި ހުރުމާއި، ޞިއްޙީ ފަރުވާދިނުމުގައި އުޅޭ މީހުންނަށް ބޭނުންވާ ތަމްރީނުތައް ދިނުންވެސް އެއީ، ކެންސަރު ބަލީގައި މަރުވާ މީހުންގެ ޢަދަދު ދަށްކުރެވިދާނެ ގޮތެއްކަމަށް އޭނާ ވިދާޅުވިއެވެ. 

އެތިއެން ކުގު ވިދާޅުވީ ބަލި ދެނެގަނެ، ބައްޔަށް ފަރުވާދިނުމަށް ބޭނުންވާ ވަޞީލަތްތަކުގެ އަގުބޮޑުވުމާ ގުޅިގެން ޞިއްޙީ ފަރުވާދޭ ތަންތަނުގައި ކެންސަރު ބައްޔަށް ޓެސްޓްކުރުމަށާއި، ފަރުވާދިނުމަށް ބޭނުންވާ ވަޞީލަތްތައް ނުހުންނަކަމަށެވެ. ކެންސަރު ބައްޔަށް ފަރުވާދިނުމަށް ދެހާސް ދިހަވަނަ އަހަރު އެކަނިވެސް އެކެއް ޕޮއިންޓް އެކެއް ހައެއް ޓްރިލިއަން ޑޮލަރު ވަނީ ޚަރަދުވެފައެވެ.

ޑަބްލިޔު.އެޗް.އޯއިން ނެރެފައިވާ ރިޕޯޓު ދައްކާގޮތުން ކެންސަރު ބަލި ޖެހިގެން އަހަރަކު 14 މިލިއަން މީހުން ރިޕޯޓްކުރާއިރު، މިއަދަދު ދެހާސް ތިރީހާ ހަމަޔަށް އެކާވީސް މިލިއަނަށް އަރާނެއެވެ. އަދި ފަގީރު ޤައުމުތަކުގައި ކެންސަރު ބަލި ހުންނަ މީހުން ދެނެގަނެ، އެމީހުންނަށް ދޭންޖެހޭ ފަރުވާދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމަށް ޑަބްލިއު.އެޗް.އޯއިން ބުނެއެވެ. އަދި މިފަދަ ޤައުމުތަކުގައި ކެންސަރު ބައްޔަށް ޓެސްޓްކުރަން ބޭނުންކުރާ ނިޒާމްތައް ޤާއިމްކޮށް، ކެންސަރު ބައްޔަކީ ބަލިޖެހޭ ފަރާތްތަކުން އަމިއްލަ ޖީބުން ޚަރަދުކުރަން ނުޖެހޭ ބައްޔަކަށް ހެދުމަށް ހުރިހާ ފަރާތްތަކަކުންވެސް އެކުގައި މައްސަކަތްކުރަންޖެހޭ ކަމަށް ޑަބްލިއު.އެޗް.އޯއިން ބުނެއެވެ.