ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނ.ހޮޅުދުއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ނ.ހޮޅުދޫގައި ތިބި ނުކުޅެދުންތެރިކަން ހުރި މީހުންނާއި އެމީހުންގެ ޢާއިލާތަކާ ބައްދަލުކުރައްވައި، ފަރުވާގެ ކަންކަން ކުރިއަށްގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކަމަނާ ވަނީ ނުކުޅެދުންތެރިކަން ހުރި އެކި އުމުރުގެ މީހުންނާއި ކުދިންނާ ބައްދަލުކުރައްވައި، ފަރުވާގެ ކަންކަން ކުރިއަށްގެންދާގޮތް އޮޅުން ފިލުއްވާފައެވެ. އަދި އެހީތެރިކަން ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އެމީހުންގެ މަޢުލޫމާތުތައް ހޯއްދަވައި، މިއަދުވެސް އެފަރާތްތަކަށް އެކަމަނާ ބައެއް އެހީތައް ދެއްވިއެވެ.

ހޮޅުދުއަށް ކުރެއްވި ދަތުރުފުޅުގައި ހުޅުދޫގެ ބައެއް އަންހެން ބޭފުޅުންނާއި، ރަށު އިދާރަތަކުގެ ބޭފުޅުންނާއި، ކްލަބް ޖަމްޢިއްޔާތަކާވެސް ބައްދަލު ކުރައްވައި ދަތިތައް އޮޅުން ފިލުއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހޮޅުދުއަށް ވަޑައިގެން އެރަށުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހާރު ގެންދަވަނީ ނ. މަނަދުއަށް ވަޑައިގެން އެކި ފަރާތްތަކާ ބައްދަލު ކުރައްވަމުންނެވެ.