ޚަބަރު

ސްރީލަންކާގެ 69 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި


ސްރީލަންކާއާއި ދިވެހިރާއްޖެއަކީ، ސަރަޙައްދީ އަމާންކަން ދެމެހެއްޓުމަށްޓަކައި އެއްޤައުމު އަނެއް ޤައުމާ ގުޅިގެން މަސައްކަތްކުރާ ތަރައްޤީގެ ބައިވެރިންނަށް ވާނޭކަމަށް އުއްމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.  

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވި، ރާއްޖެއާ އެންމެ ކައިރީގައި އޮންނަ އަދި ޒަމާންވީ ރަޙްމަތްތެރި ސްރީލަންކާގެ 69 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނައަށާއި، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖްގައެވެ.

ރައީސުލްޖުމްހޫރިއްޔާ، އެބޭބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާގެ ސަރުކާރަށާއި ރައްޔިތުންނަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، މިނިވަންދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސްރީލަންކާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގެންފައިވެއެވެ.