ކުޅިވަރު

ކަޕް އޮފް ނޭޝަންސް ފައިނަލްގައި މިޝްރާއި ކެމަރޫން ވާދަކުރަނީ


މިޝްރާއެކު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލަށް ކެމެރޫން ނުކުންނަނީ ވަރަށް ފޯރިއާއެކު ކަމަށް ކެމަރޫންގެ ކޯޗް ނިކޮލާ އެންކުލޫ ބުނެފިއެވެ.

މާދަމާރޭ ކުޅޭ ފައިނަލް މެޗަށް ތައްޔާރުވުމަށް ކެމަރޫން މިހާރު ވަނީ ގެބޯންގެ ވެރިރަށަށް ގޮސްފައެވެ. އެންކުލޫ ބުނީ ފައިނަލްގައި ކުޅެވޭތީ ކެމަރޫން ޓީމް އޮތީ ވަރަށް އުފަލުންކަމަށާ އަދި މިފަހަރު ކެމަރޫން އެނބުރި ދާއިރު ތަށި ހިފައިގެންގޮސް ޤައުމުގެ ރައްޔިތުން އުފާކޮށްދޭން ބޭނުންކަމަށެވެ.

ކެމަރޫން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީގައި ގާނާ ބަލިކޮށްގެންނެވެ.

"މިޝްރަކީ މޮޅު، ތަޖުރިބާހުރި ޓީމެއް.  އެކަމަކު މިފަހަރު ކެމަރޫންއަށް ތަށި ނުނެގެންވީ އެއްވެސް ސަބަބެއް ނެތް" ކެމަރޫންގެ ކޯޗް ބުންޏެވެ.

އެންކުލޫ ބުނީ ކެމަރޫންއަށް މިޝްރާއެކު ކުޅެން ޖެހޭނީ ވަރަށް މޮޅު ގޭމެއްކަމަށާ އެކަމަށް ޓީމަށް އިތުބާރުކުރާކަމަށެވެ. އެންކުލޫ ބުނީ މިފަހަރު ތަށި ހިފައިގެން ރަށަށް ދާނީ އޭނާގެ ޓީމުންކަމަށް ގަބޫލްކުރާކަމަށެވެ.

ސަރަޙައްދުގެ އެންމެ ކާމިޔާބު ޓީމަކީ މިޝްރެވެ. އެ ޓީމް 8 ފައިނަލެއް ކުޅުނުއިރު، 7 ފަހަރު ތަށި ގެންދިޔައެވެ. 4 ތައްޓާއެކު މުބާރާތުގެ ދެވަނަޔަށް އެންމެ ކާމިޔާބު ދެ ޓީމްގެ ގޮތުގައިވަނީ ކެމަރޫންއާއި ގާނާއެވެ.

ފައިނަލާއި ބެހޭގޮތުން މިޝްރުގެ މިޑްފީލްޑަރ މަހްމުސް ހަސަން ބުނީ ފައިނަލަށް ދަތުރުކުރުމަށްފަހު މުބާރާތް ނިމުނަސް އެއީ ކާމިޔާބު މުބާރާތަކަށް ވާނޭކަމަށާ، އެކަމަކު މުބާރާތް ބޮޑަށް ކާމިޔާބު މުބާރާތަކަށް ވާނީ ޗެމްޕިއަންކަން ހޯދުމުންކަމަށެވެ.

މަހްމޫދް ބުނި މިޝްރުގެ މިސްރާބު ހުރީ ސީދާ ތައްޓަށްކަމަށާ މުބާރާތް ފެށުނީއްސުރެވެސް އަމާޒަކީ އެއީކަމަށެވެ.

މިޝްރު ވަނީ މި މުބާރާތުގެ ފައިނަލުގައި މީގެ ކުރިން ދެފަހަރަކު ކެމަރޫންއާއިއެކު ކުޅެފައެވެ. އެއީ 1986 އަހަރާއި 2008 އަހަރުއެވެ.