ކުޅިވަރު

ރޮނާލްޑީނިއޯ އެނބުރި ބާސެލޯނާއަށް


ބާސެލޯނާގެ ކުރީގެ ތަރި، ރޮނާލްޑީނިއޯ އެ ޓީމުގެ އެމްބަސަޑަރެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ދެހާސް ތިނަކުން ފެށިގެން 5 އަހަރުވަންދެން ބާސެލޯނާޔަށް ކުޅުނު ރޮނާލްޑީނިއޯ ވަނީ އޭނާޔާ އެއް ޤައުމެއްގެ ނޭމާ ބާސެލޯނާގައި ދައްކަމުންދާ ކުޅުމަށް ތައުރީފްކޮށް، މި ސީޒަނުގައި ތައްޓެއް ހޯދުމަށް މަސައްކަތްކުރުމަށް ބާސެލޯނާގެ ކުޅުންތެރިންނަށް ގޮވާލާފައެވެ.

މިރޭ އެތްލެޓިކޯ ބިލްބާއޯއާ ދެކޮޅަށް ނުކުންނަ ބާސެލޯނާ، އެ ޓީމް އެންމެ ފަހުން ކުޅުނު މެޗުން ރެއާލް ބެޓިސްއާއި އެއްވަރު، ތާވަލުގައި އެއްވަނައިގައިވާ ރެއާލް މެޑްރިޑާ ދެމެދުގައިވާ ފަރަގު އިތުރު ދެ ޕޮއިންޓަށް ވަނީ ފުޅާވެފައެވެ.

ރޮނާލްޑީނިއޯ ބުނީ ބާސެލޯނާއަކީ އަދިވެސް އޭނާޔަށް އެންމެ މޮޅު ޓީމްކަމަށެވެ.

2006ވަނަ އަހަރު ބެލޮންޑޯ އެވޯޑް ހޯދި ރޮނާލްޑީނިއޯ ބާސާގެ އެމްބަސަޑަރަށް ވުމުން އެކި އިވެންޓުތަކުގައި ބާސެލޯނާ ރަމްޒުކޮށްދިނުމުގެ ގޮތުން އޭނާ ބައިވެރިވާނެއެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު މޮޅެތި މިޑްފީލްޑަރުންގެ ތެރޭގައި ގުނާލެވޭ ރޮނާލްޑީނިއޯ ބުނީ ބާސެލޯނާއިން އެ ކްލަބުގެ އެމްބަސަޑަރަކަށް ވުމަށް އޭނާޔަށް ދިން ފުރުސަތަކީ އޭނާޔަށް ވަރަށް އުފާވެރިކަން ގެނުވި ކަމެއްކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން ހިފައިގެން ކްލަބަށް ހޯދައިދެވޭނެ އެންމެ ރަނގަޅު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކުރާނެކަމަށް ރޮނާލްޑީނިއޯ ބުންޏެވެ.