ޚަބަރު

ކެންސަރަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވައިފި


ރާއްޖޭގައި ކެންސަރުގެ ހިރާސް އިތުރުވަމުންދާ ކަމަށް ވިދާޅުވެ، މި ބައްޔާމެދު ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސް ކުރައްވައިފިއެވެ. ރާއްޖޭގައި ޢާންމުކޮށް ކެންސަރު ބަލިޖެހެނީ ޢުމުރުން 50 އަހަރުން މަތީގެ މީހުންނަށް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 4 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައެވެ.

ކެންސަރު ބައްޔަކީ ދުނިޔޭގެ އެންމެ ގިނަ މީހުން މަރުވާ އެއް ބައްޔެވެ. ކެންސަރަކީ ހަށިގަނޑުގެ ތެރޭގައި ސެލްތައް އުފެދޭ އުފެދުން ކޮންޓްރޯލުން ނެއްޓި އާދަޔާ ޚިލާފަށް ގިނައިން ސެލް އުފެއްދުމުން ޖެހޭ ބައްޔެކެވެ. ކެންސަރުގެ 100 އެތައް ވައްތަރެއް މިހާތަނަށް ފެނިފައިވެއެވެ. ކެންސަރު ހަށިގަނޑަށް ގެއްލުންދެނީ ހަލާކުވެފައިވާ ސެލްތައް ކޮންޓްރޯލެއް ނެތި ބައިބައިވެގެންގޮސް، ބޮޑެތި ގަނޑުތައް އުފެދި، މިގަނޑުތައް ނުވަތަ ޓިއުމަރ އުފެދި ހަށިގަނޑުގެ ތެރޭގައި ލޭދައުރުވާ ނިޒާމް ގަޑުބަޑުވުމުންނެވެ. މިބަލި ހަށިގަނޑުގެ ގުނަވަނަކަށް ޖެހިއްޖެނަމަ އެ ގުނަވަނަކުން ކުރާ މަސައްކަތް ހުއްޓެއެވެ.

ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި ފުއްޕާމޭގެ ކެންސަރާއި، އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރާއި، ރަޙިމުގެ ދޮރަށްޖެހޭ ކެންސަރު ހިމެނެއެވެ. ދުނިޔޭގައި އަހަރަކު ގާތްގަނޑަކަށް 8 މިލިއަން މީހުން ކެންސަރު ބަލީގައި މަރުވެއެވެ. މިއީ އަހަރަކު މަރުވާ މީހުންގެ 13 އިންސައްތައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އަންދާޒާކުރާ ގޮތުގައި ކެންސަރުޖެހޭ މީހުންގެ ޢަދަދު ކުރިއަށް އޮތް 20 އަހަރު 70 އިންސައްތައަށް އިތުރުވާނެއެވެ.

އެޗްޕީއޭއިން ވިދާޅުވާ ގޮތުގައި ރާއްޖޭގައި އެންމެ ގިނައިން ފެންނަނީ ފުއްޕާމޭގެ ކެންސަރު، އުރަމަތީގެ ކެންސަރު، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު އަދި އަނގައިގެ ކެންސަރެވެ. އަދި ކެންސަރު ޖެހޭކަމަށް ފާހަގަކުރެވެނީ ޢުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އެހެންނަމަވެސް 20 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށްވެސް ކެންސަރު ޖެހެއެވެ. ފިރިހެނުންނަށް އެންމެ ގިނައިން ޖެހެނީ ފުއްޕާމާގެ ކެންސަރެވެ. އަންހެނުންނަށް އެންމެ ގިނައިން ޖެހެނީ ރަޙިމުގެ ކެންސަރެވެ. އަދި ދެ ޖިންސުގެ މީހުންނަށް އެންމެ ޖެހޭ ކަމަށް ފާހަގަކުރެވެނީ އަނގައިގެ ކެންސަރެވެ.

ކެންސަރު ބަލީގެ ޙާލަތު ރާއްޖޭގައި އޮތް މިންވަރު ރަސްމީ ސިފައެއްގައި އަދި ދެނެގަނެފައެއް ނުވެއެވެ. އެހެންނަމެވެސް އެޗްޕީއޭއިން މިހާރު ގެންދަވަނީ ކެންސަރާ ގުޅޭ ރަޖިސްޓްރީއެއް އެކުލަވާލެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ކަމާގުޅޭ ދާއިރާތައް ގުޅިވަޑައިގެން، ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެޗްޕީއޭގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ. ރަޒާނާ ފާއިޒު ވިދާޅުވީ، ކެންސަރަށް މަގުފަހިކުރުވާ އާދަތަށް ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް އަށަގެނެފައިވާ ކަމަށެވެ.

"އޭގެތެރޭގައި ދުންފަތުގެ އިސްތިއުމާލް ކުރުމާއި، ބަނގުރާ ބުއިމާއި، ރަނގަޅު ކާނާ ނުކެއުމާއި، ކަސްރަތު މަދުވެ ހެލިފެލިވުން ކުޑަވެ ފަލަވުން ހިމެނޭ. ދުންފަތުގެ އިސްތިއުމާލުކުރުން ފުއްޕާމާގެ ކެންސަރު ޖެހޭ،" އެޗްޕީއޭގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ. ރަޒާނާ ފާއިޒު ވިދާޅުވިއެވެ.

ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ދުރުވުމަށްޓަކައި ދިރިއުޅުމުގެ އާދަކާދަތައް ހެޔޮގޮތަށް ބައްޓަންކުރުމަށް ޑރ. ރަޒާނާ އިލްތިމާސް ކުރެއްވިއެވެ. ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، ދުފުމާއި، ދުންފަތުގެ އިސްތިޢުމާލް ކުރުމުން ދުރުހެލިވުމާއި، ކެއުމުގައި މޭވާއާއި ތަރުކާރީ ވީހާވެސް ގިނައިން ބޭނުންކުރުމަށް އާދަކުރުން ހިމެނެއެވެ. އަދި ގަވާއިދުން ކަސްރަތުކޮށް، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މަސައްކަތް ކުރުމާއި، ކެންސަރު ޖެހިފައި ހުރިތޯ ބެލުން ހިމެނެއެވެ. އަދި ކެންސަރަށް ޓެސްޓުކޮށް ބަލީގެ ކުރީކޮޅު ފުރަތަމަ މަރުޙަލާތަކުގައި ބަލި ދެނެގަނެވިއްޖެނަމަ ބައްޔަށް ފަރުވާކުރުން ހިމެނެއެވެ.

ކެންސަރު ބަލީގެ ދުވަސް ފާހަގަކުރަނީ ކެންސަރު ބައްޔާމެދު މީހުން ހޭލުންތެރިކަން އިތުރުކޮށް މިބަލިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި އަދި ބަލިޖެހުމުން ފަރުވާ ހޯދާނެގޮތާމެދު މަޢުލޫމާތު ދިނުމަށެވެ. މިބައްޔާމެދު ޢާންމުން ޙޭލުންތެރި ކުރުވުމަށް މާލެއާއި އަތޮޅުތަކުގައި ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.