ޚަބަރު

ރައީސްގެ އަނބިކަނބަލުންނަށް ހޫނު މަރުޙަބާއެއް ދަންނަވައިފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ނ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު އެއަތޮޅުގެ ދެ ރަށަކަށް ވަޑައިގަތުމުން އެރަށްރަށުގެ ރައްޔިތުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. 

ފަސްޓް ލޭޑީ ބަށިބޯލް ޗެމްޕިއަންޝިޕް 2017 ފަށްޓަވައިދެއްވުމަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ކެނދިކުޅުދުއަށް ވަޑައިގަތުމުންވެސް އެކަމަނާއަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އެރަށުގެ ކައުންސިލާއި، މުއައްޞަސާތަކުގެ ބޭފުޅުންނާއި، ބައެއް ރައްޔިތުންނާ އެކަމަނާ ބައްދަލުކުރެއްވިއެވެ. 

ބަށިބޯލް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތަށް ނ.ލަންދުއަށް ވަޑައިގެންނެވުމުން އެރަށުން އެކަމަނާއަށް މަރުޙަބާ ދެއްނެވީ ޘަޤާފީ ތަފާތު ކުޅިވަރުތަކާއެކުއެވެ. ރަށުގެ ރައްޔިތުން ނިކުމެ އެކަމަނާއަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. މުބާރާތުގައި ވާދަކުރާ ކުޅުންތެރިންނާއި، އެރަށްރަށުގެ މުއައްސަސާތަކުގެ ބޭފުޅުންވެސް އެކަމަނާއަށް މަރުހަބާ ދެންނެވުމަށް ލަންދުއަށް ދިޔައެވެ. އެކަމަނާ ވަނީ ރަށުގެ ގިނަ ބަޔަކާ ވަކިވަކިންވެސް ބައްދަލުކުރައްވާފައެވެ. ލަންދުއަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާ ވަނީ ލަންދޫ ޕީޕީއެމް އޮފީސްވެސް ހުޅުއްވައުދެއްވާފައެވެެ.

ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ އެއަތޮޅުގެ އިތުރު ތިން ރަށަކަށް އެކަނާ ވަޑައިގަންނަވާނެއެވެ. އެއީ ހޮޅުދޫ، ވެލިދޫ އަދި މަނަދޫއެވެ.