ކުޅިވަރު

ރިސޯޓް ވޮލީ މުބާރާތުގެ ޤަވާޢިދަށް ބަދަލު ގެނެސްފި


ކޮންމެ ރިސޯޓަކަށްވެސް ޤައުމީ ޓީމްގެ 2 ކުޅުންތެރިންނަށް ކުޅެވޭގޮތަށް ރިސޯޓް ވޮލީ މުބާރާތުގެ ޤަވާއިދަށް ބަދަލް ގެނެސްފިއެވެ.

ޤައުމީ ވޮލޯބޯޅަ ޓީމްގެ ކޯޗުންނާއި އޮފިޝަލުން އައްޔަން ކުރުމަށް ޒުވާނުންގެ މަރުކަޒުގެ ސެމިނާރޫމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް ކޮމެޓީގެ ޗެއާމަން މުޙައްމަދު ޝަރަފްބުނީ މިފަހަރު އެކުލަވާލި ޤަވާއިދަކީ ހަމައެކަނި މިއަހަރަށް އެކުލަވާލި ޤަވާއިދެއް ކަމަށެވެ. ޤަވާއިދު ރަނގަޅަށް ކުރިޔަށް ގޮސްފިނަމަ ބަދަލްނުކޮށް ބޭއްވުމުގެ ވިސްނުން އެބަހުރި ކަމަށާއި، ނަމަވެސް ޤަވާއިދުން ޓީމްތަކަށާއި ކުޅުންތެރިންނަށް ނޭދެވޭ އަސަރެއް ކުރާނަމަ ބަދަލު ކުރުމުގެ ބާރު އެބައޮތް ކަމަށެވެ.

" ރިސޯޓް ވޮލީ މުބާރާތުގައި މީގެ ކުރިން ކުޅެމުން އައީ ޤައުމީ ޓީމްގެ ކުޅުންތެރިން އެކި ރިސޯޓްތަކުގައި. ބައެއް ރިސޯޓްތަކުގެ ޓީމްތައް ވަރަށް ވަރުގަދަ. ނަމަވެސް މި ޤަވާއިދުގެ ސަބަބުން ވާދަވެރިކަން ވަރަށް ބޮޑަށް އިތުރުވެ ކުޅުންތެރިންނަށް ލިބޭ ފުރުޞަތު ގިނަވާނެ. މީގެ ފަހުން ކޮންމެ ރިސޯޓަކަށްވެސް ކުޅެވޭނީ ވޭތުވެދިޔަ އަހަރު ޤައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިންގެ ތެރެއިން 2 ކުޅުންތެރިންނަށް. އިތުރަކަށް ނުކުޅެވޭނެ. މިސާލަކަށް ޤައުމީ ޓީމަށް ނިސްބަތްވާ 3 ކުޅުންތެރިން 1 ރިސޯޓެއްގައި ވަޒީފާ އަދާ ކުރިނަމަވެސް ކުޅެވޭނީ އޭގެތެރެއިން ދެ ކުޅުންތެރިންނަށް. " އާ ޤަވާއިދު އެކުލަވާ ލުމަށްފަހު ނޫސްވެރިން ކުރި ސުވާލްތަކަށް ޖަވާބު ދެމުން ޝަރަފް ބުންޏެވެ.

ރިސޯޓް މުބާރާުތުގެ އިތުރުން ވޮލީ ވެޓަރަންސް މުބާރާތެއް މިއަހަރުގެ ތެރޭގައި ބޭއްވުމަށް އެ އެސޯސިއޭޝަންގެ ކަލަންޑަރުގައި ވަނީ ހިމަނާފައެވެ، އޭގެތެރޭގައި އިންޑޯ އަދި ބީޗްވޮލީ ވެޓަރަންސް މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ އަތޮޅުތަކަށް ވޮލީބޯޅަ ފުޅާ ކުރުމުގެ ގޮތުން އަތޮޅު ވޮލީ މުބާރާތް ބޭއްވުމަށްވެސް މިއަހަރުގެ ކަލަންޑަރުގައިވަނީ ހިމަނާފައެވެ.