ޚަބަރު

އިތުރު ދާއިރާއަކުން ޒުވާނުންނަށް 1000 ފުރުސަތު


ގޫގުލް އިން ޤަބޫލުކުރާ ފެންވަރުގެ ކޮމްޕިއުޓަރ ކޯޑިންގ ޕްރޮފެޝަނަލުން އުފެއްދުމަށް 1000 ޒުވާނުން ތަމްރީންކުރައްވަން ސަރުކާރުން ނިންމަވައިފިއެވެ. 

މިކަން ޢިއުލާންކުރެއްވީ 1000 ފޮޓޯގްރާފަރުން ތަމްރީންކުރެއްވުމުގެ ޕްރޮގްރާމް އިފްތިތާޙުކުރެއްވުމަށް ރޭ ބޭއްވެވި ޚާއްޞަ ޙަފްލާގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ ޢާއިޝަތު ޝިހާމެވެ. ޒުވާނުންގެ ކުރިމަގު ބިނާކުރެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޒުވާނުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މަގުފަހިކޮށްދެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ވަޒީފާގެ ފުރުޞަތުތަކާއި، ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ހުޅުއްވާލައްވައި، ހަރުދަނާ ޒުވާނުންތަކެއް ބިނާކުރައްވަމުންނެވެ. 

ސަރުކާރުން ކުރައްވާ މިފަދަ މަސައްކަތްތަކުގެ ތެރެއަށް، ޒުވާނުން ތަމްރީނުވުމަށް މިހާރު މިވަނީ އާ ދާއިރާއެއް ހުޅުއްވާދެއްވާފައެވެ. ފޮޓޯގްރާފަރުން ތަމްރީނުކުރެއްވުމަށް ހިންގަވާ މި ޕްރޮގްރާމް ފަށްޓަވައިދެއްވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވައި، އެކި ދާއިރާތަކުން ކުރިއަށްދިއުމުގެ މަގު ޒުވާނުންނަށް ފަހިކޮށްދެއްވުމަކީ ރައީސް ޔާމިންގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށެވެެ. 

ގޫގުލްއިން ޤަބޫލުކުރާ ފެންވަރުގެ ކޮމްޕިއުޓަރ ކޯޑިންގ ޕްރޮފެޝަނަލުން އުފެއްދުމަށް 1000 ޒުވާނުން ތަމްރީންކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަން ހާމަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މި ޕްރޮގްރާމްގެ އަމާޒަކީ ޒުވާނުން މި ދާއިރާއަށް ޝައުޤުވެރިކުރުވުންކަމަށެވެ. 

އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ވަޒީފާގެ އެކިކަހަލަ ފުރުޞަތުތައް ތަނަވަސްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި އުފައްދާފައިވާ ކުންފުނިތަކުގައި މަސައްކަތްކުރުމުގެ މަގު ޒުވާނުންނަށް ފަހިވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

"މި ކޯސްތަކަކީ ގޫގުލް ފަދަ މިދާއިރާގެ އުފެއްދުންތެރި ކުންފުނިތަކުން ޤަބޫލުކުރާ ކޯސްތަކަކަށް ވާނެ. މިސަރުކާރުގެ އަމާޒަކީ ޒުވާނުން މިދާއިރާއިން ބާރުވެރިކުރުވުން. އެއީ ޖާވާ، ޕައިތަން ޕީއެޗްޕީ ނުވަތަ ސްވިފްޓް ފަދަ ކޮމްޕިއުޓާ ލެންގުއޭޖް ގެ ދާއިރާއިން އެޑްވާންސްޑް ޓްރެއިންނިން ފޯރުކޮށްދެވިގެން. މި ރޮނގުން ކާމިޔާބުވާ ހުނަރުވެރި ޒުވާނުންނަކީ ދުނިޔޭގައި ދެން އުފެދޭ އެޕް ނުވަތަ ޔުނިކޯން ސްޓާޓާގެ ވެރިން. މީގެ ސަބަބުން އާ ވައްތަރެއްގެ އެތައް ހާސް ވަޒީފާތަކެއް މިގައުމުގެ ޒުވާނުންނަށް އުފެދިގެންދާނެ.،" މިނިސްޓަރު ވިދާޅުވިއެވެ. 

ހުނަރުވެރި ޒުވާނުން ބިނާކުރައްވައި ވަޒީފާގެ ފުރުޞަތު އިތުރުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން ދެހާސް ފަނަރަވަނަ އަހަރު އެއްހާސް ފާމަސީ އެސިސްޓެންޓުންނާއި، އެއްހާސް ކޭޝިއަރުން ތަމްރީނުކުރައްވާފައިވެއެވެ. އަދި ޓޫރިޒަމްގެ ދާއިރާއިން އަށްސަތޭކަ ފުރުޞަތު ފަހިކޮށްދެއްވާފައިވެއެވެ.މީގެ އިތުރަށް ނުވަސަތޭކައަށްވުރެ ގިނަ ނަރުހުން ތަމްރީނުކުރެއްވުމުގެ މަސައްކަތް ވަނީ ފަށްޓަވާފައެވެ.