ޚަބަރު

އެމެރިކާގެ އާ ސެކްރެޓަރީ އޮފް ސްޓޭޓަށް ފޮރިން މިނިސްޓަރ ތަޙުނިޔާ


އެމެރިކާގެ އާ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާރސަން އަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް ތަހުނިޔާ ވިދާޅުވެއްޖެއެވެ. 

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޓިލާރސަން ތަހުނިޔާ ވިދާޅުވެ ޑރ ޢާޞިމް ފޮނުއްވި ސިޓީފުޅުގައި ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަން ފާހަގަކުރައްވާ، ދެ ޤައުމުގެ ދެމެދު އޮތް އިތުބާރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ސެކްރެޓަރީ ޓިލާރސަންގެ ދައުރުގައި ރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިވެ އެކުގައި މަސައްކަތްކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. 

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ މަޤާމަށް ޓިލާރސަން ހަވާލުވެޑައިގެންނެވީ އިއްޔެއެވެ. ރާއްޖެއާއި އެމެރިކާގެ ގުޅުމަށް 50 އަށް ވުރެ ގިނަ އަހަރުވަނީ ވެފައިއެވެ. 

ދެޤައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި، އިޤްތިޞާދާއި، ދިފާއި ދާއިރާއިން ބަދަހި ގުޅުންތަކެއް ޤާއިމުކޮށްފައިވެއެވެ. ހުސްވި އަހަރު އެމެރިކާއިން ރާއްޖެއަށް 30،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.