ކުޅިވަރު

އިންޓަރ އޮފީސް ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ މެޗު ޔޫތަށް


2 ވަނަ އިންޓަަ އޮފީސް ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ކާމިޔާބުކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް މިމެޗް ކާމިޔާބުކުރީ މޯލްޑިވް ގޭސްއާ ވާދަކޮށް 19 ޕޮއިންޓް 3 ޕޮއިންޓުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ އައިޝަތު ނާޒިމާއެވެ. 

މިމުބާރާތް ފެށުމުގެ ގޮތުންވެސް އިއްޔެ ވަނީ ހާއްސަ މެޗެއް ކުޅެފައެވެ. އެމެޗުގައި ވާދަކުރީ މޯލްޑިވްސް ޑެފް އެސޯސިއޭޝަންއާއި ހޭންޑްބޯލް މޯލްޑިވްސްގެ ޓީމެކެވެ ވިއްސާރައިގެ ސަބަބުން މިމުބާރާތުގައި ރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ވަނީ ފަސްކޮށްފައެވެ.

ހޭންޑް ބޯލް މޯލްޑިވްސްއިން މަޢުލުމާތުދިން ގޮތުގައި މިމުބާރާތުގެ ފިރިހެންބައި ކުރިއަށްދާނީ 2 ބުރަކަށް ބަހާލައިގެންނެވެ. އަދި 2 ބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. މުބާރާތުގެ އަންހެންބައި ވަނީ 2 ގުރޫޕަކަށް ބަހާލާފައެވެ. ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމް ސެމީ ފައިނަލް މެޗް ކުޅުމަށްފަހު ފައިނަލްގައި ވާދަކުރާ ގޮތަށެވެ. މިފަހަރުގެ މުބާރާތުގެ އަންހެން ބައިގަ ވާދަކުރާ ޓީމް ތަކަކީ އައިޖީއެމްއެޗް، މޯލްޑިވްސް ގޭސް، ޕޮލިސް، ޔޫތު މިނިސްޓްރީ، އިމިގްރޭޝަން، ފުލައިމީ، ފިނޭސް މިނިސްޓްރީ، އަދި ޓުއަރިޒަމް މިނިސްޓްރީއެވެ. މުބާރާތުގެ ފިރިހެން ބައިގައި ވާދަކުރާނީ ސްޓެލްކޯ، އެމްޕީއެލް، ޕޮލިސް، އަދި މޯލްޑިވްސް ގޭސްއެވެ.

މިދިޔަ އަހަރުގެ އިންޓަަރ އޮފީސް ހޭންޑްބޯޅަ މުބާރާތުގެ އަންހެންބައިގެ ޗެންޕިއަންކަން ހޯދީ އިމިގްރޭޝަން އަދި ފިރިހެންބައިގެ ޗެންޕިއަންކަން ހޯދީ އެމްއެންޑީއެފްއެވެ.