ޚަބަރު

ޓިވެޓް ޕްރޮގްރާމް ހަރުދާނަކުރުމަށް ފޯރަމެއް ބާއްވައިފި


ޓިވެޓް ޕްރޮގްރާމްތައް ކުންފުނިތަކާއި، އިންޑަސްޓްރީތަކުގެ އެހީއާއެކު، އެ ފަރާތްތަކުން ބޭނުންވާ ކަންތައްތައްކާ އެއްގޮތައް ފަރުމާކުރުމަށާއި، ޓިވެޓް ޕްރޮގްރާމް އިތުރަށް ހަރުދާނަކުރެއްވުމުގެ ގޮތުން ފޯރަމެއް ބާއްވައިފިއެވެ. 

ޝީ ބިލްޑިންގގައި ކުރިއަށްގެންދެވި މި ފޯރަމް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ ޢާއިޝަތު ޝިހާމެވެ. ޓިވެޓް ޕްރޮގްރާމްތަކަކީ ކުންފުނިތަކާއި، އިންޑަސްޓްރީތަކުގެ އެހީއާއެކު، އެ ފަރާތްތަކުން ބޭނުންވާ ކަންތައްތައްކާ އެއްގޮތައް ފަރުމާ ކުރެވިގެން ކުރިއަށްދާ ޕްރޮގްރާމްތަކަކަށް ހެއްދެވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ޓިވެޓް ޕްރޮގްރާމް ހިންގުމުގައި ބައިވެރިވާ ފަރާތްތަކާއެކު މިކަމަށް ގުޅޭ މަޝްވަރާ މި ފޯރަމްގައި ކުރައްވާފައިވެއެވެ. 

މި ފޯރަމް ކުރިޔަށް ގެންދެވީ އޮސްޓްރޭލިއާގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ކުއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލަޖީއާއި އެޑިއުކޭޝަން މިނިސްޓްރީގެ ޓިވެޓް އޮތޯރިޓީ ގުޅިވަޑައިގެންނެވެ. މި ފޯރަމްގައި ޒުވާނުން ހުނަރުވެރިކުރުވާ ވަޒީފާގެ ބާޒާރަށް ތަމްރީނުކުރުވުމަށް ޓެކެނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިންގް އޮތޯރިޓީ "ޓިވެޓް"ން ކުރައްވާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ފޯރަމުގައި ކުނފުނިތަކާއި، ސްކޫލްތަކާއި ޒުވާނުންގެ ތެރެއިން ތިރީސް ހަތް މީހުން ބައިވެރިވެފައިވޭ. މީގެ ތެރޭގައި މަޓީ، މަސީ، ޗެމްބާރސް ކޮމާސް، އެސްޓީއޯ، އެމްއޭސީއެލް، އެމްޓީސީސީ އަދި ފޯސީޒަން ރިސޯޓްފަދަ ރާއްޖޭގެ ބޮޑެތި ކުންފުނިތައް ހިމެނެއެވެ. މި ފޯރަމް ބާއްވާފައިވަނީ ފަންނީ ދާއިރާތަކަށް ޒުވާނުން އަހުލުވެރިކުރުވަން ޓިވެޓް އޮތޯރިޓީން ހިންގަވާ ތަފާތު ކޯސްތަކާއި ޕްރޮގްރާމްތަކުގައި، އެކުގައި މަސައްކަތްކުރާ ކުންފުނިތަކާއި އެއްތަނަކުން ބައްދަލުކޮށް މަޝްވަރާކުރުމަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. 

ފޯރަމް ފަށްޓަވައި ދެއްވާ ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ ޢާއިޝަތު ޝިހާމް ވިދާޅުވީ އޮސްޓްރޭލިއާ ސަރުކާރުން މިފަދަ ތަމްރީނުތަކާއި، ފޯރަމް ބޭއްވުމުގައި ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޓިވެޓް އޮތޯރިޓީން ހިންގަމުން އަންނަ ޕްރޮގްރާމްތަކުގެ މަޤްސަދަކީ ދަރިވަރުންނަކީ ޤާބިލް އަދި ހުނަރުވެރި ބަޔަކަށް ހެއްދެވުންކަމަށެވެ. 

" ޓިވެޓް ޕްރޮގްރާމްތަކުގެ މަޤްސަދަކީ ދަރިވަރުން އެ ޕްރޮގްރާމެއް ނިމިގެންދާއިރު، ހުނަރުވެރި ޤާބިލް ބަޔަކަށް ހެއްދެވުން. އަދި ޕުރޮގްރާމް ނިމިގެންދާއިރު މި ދަރިވަރުން ވެގެންދާނީ ވަޒީފަގެ މާހައުލަށް ތައްޔާރުވެފައި ތިބި ބަޔަކަށް.،" މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ. 

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ޓިވެޓްއިން ހިންގަވަމުން އަންނަ ޕްރޮގްރާމްތަކުގައި މިހާތަނަށް ތިންހާހަށްވުރެ ގިނަ ދަރިވަރުން ތަމްރީނުކޮށްފައިވެއެވެ. އަދި މީގެ ތެރެއިން ގިނަ ދަރިވަރުން މިހާރު ވަޒީފާ އަދާ ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.