ވިޔަފާރި

ޖަނަވަރީ މަހު މީރާއަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީ


މިދިޔަ ޖަނަވަރީ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޢާމްދަނީގެ ގޮތުގައި ބަލައިގަތް ފައިސާގެ ޢަދަދު 2.2 ބިލިއަން ރުފިޔާއަށް އަރާކަމަށް އެއޮތޯރިޓީން ހާމަކުރައްވައިފިއެވެ.

މީރާއިން ވިދާޅުވީ ޖަނަވަރީމަހުގެ ތެރޭގައި 2 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ބަލައިގެންފައިވާއިރު، މިއީ އޮތޯރިޓީގެ ތާރީޚުގައި ވެސް އެއް މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ ޢަދަދަކަށް ފައިސާ ބަލައިގަތް ފަހަރުކަމަށެވެ.

ޖަނަވަރީ މަހަކީ ޓެކުހުގެ މުހިއްމު ސުންގަޑިތަކެއް އަންނަ މަހެކެވެ.  

އެ ގޮތުން ޖަނަވަރީ 29 ވަނަ ދުވަހަކީ 2016 ގެ ފަހު ކުއާޓަރ އަދި ޑިސެންބަރު މަހުގެ ޖީ.އެސް.ޓީ ދެއްކުމުގެ ފަހު ދުވަހެވެ. އަދި ޖަނަވަރީމަހުގެ 31 ވަނަ ދުވަހަކީ 2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ދެވަނަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ފަހު ދުވަހެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ދައުލަތުގެ ޓެކްސް އިދާރާއިން ވަނީ، މީރާގެ އޮފީސްތަކުގެ އިތުރުން، ކުރީގެ ޖަމާލުއްދީން ސްކޫލުގެ ހޯލުގައި ވަގުތީ ކައުންޓަރުތަކެއް ޤާއިމުކުރައްވާފައެވެ. 

ޖެނުއަރީ މަހުގެ ތެރޭގައި 28،000 އަށް ވުރެ ގިނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދީފައިވާކަމަށް އެ އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.