ޚަބަރު

ފުރިފައި ހުރި ޤަބުރުސްތާނުތަކާ ބެހޭގޮތުން މަޝްވަރާކުރައްވަނީ


ރާއްޖޭގައި ފުރިފައި ހުރި ޤަބުރުސްތާނތަކާމެދު ޢަމަލުކުރައްވަންވީ އެންމެ ރަނގަޅު ގޮތްތައް ހޯއްދަވައި ދިރާސާކުރެއްވުމަށް އިސްލާމީ ފަތުވާދޭ މަޖިލީހާއެކު މަޝްވަރާކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. 

އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވީ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މާލޭގައި މަރުވާ މީހުން ވަޅުލާނެ ޖާގަ ލިބުން، މާލޭގެ ޤަބުރުސްތާނުތައް ފުރުމުގެ ސަބަބުން ދަތިވުމުގެ މައްސަލައަކީ މާލެއަށް ދިމާވެފައިވާ ޒަމާންވީ ބޮޑު މައްސަލައެކެވެ.  މާލޭގެ 4 އަވަށުގައި ހުރި ޤަބުރުސްތާނުތަކުގައި މީހުން ވަޅުލައި ފުރުމުގެ ސަބަބުން، މާލޭގެ ދެކުފަރާތުންގައި އާ ޤަބުރުސްތާނެއް ހައްދަވައި، އެތަނުގައި މީހުން ވަޅުލާތާ ވެސް މިހާރު ވަނީ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ. އާ ޤަބުރުސްތާނު ނުވަތަ އާސަހަރާގައި މީހުން ވަޅުލައި، އެތަން ފުރުމުން ތިންފަހަރު މަތީން ފަސްއަޅައިގެން މީހުން ވަޅުލާފައިވާއިރު އަނެއްކާވެސް އެތަން ވަނީ ފުރިފައެވެ. 

އެހެންކަމުން މިކަމަށް އެދެވޭ ޙައްލެއް ހޯއްދެވުމުގެ ގޮތުން ސަރުކާރުން ވަނީ ހުޅުމާލޭގައި ގާތްގަނޑަކަށް ދުއިސައްތަހާސް އަކަފޫޓުގެ ބިމެއް ޤަބުރުސްތާނުގެ ގޮތުގައި ތައްޔާރުކުރައްވައި ކަށުކަމާކެމީގެ ކަންކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސަވާފައެވެ. އަދި މައްޔިތާގެ ޢާއިލާ މީހުންނަށް ޤަބުރުސްތާނުގައި މަޑުކޮށްލެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވާފައެވެ. 

މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ އެންމެހައި ކަމެއް މިއަދުން ފެށިގެން ކުރައްވަމުން ގެންދަވަނީ ހުޅުމާލޭ ޤަބުރުސްތާނުގައެވެ. ހުޅުމާލޭ އެޤަބުރުސްޓާނުގެ ދޮޅިދާންގޭގައި އެއްފަހަރާ ހަތަރު މީހުން ހިނެވޭނެ އިންތިޒާމް ހަމަޖައްސަވާފައިވެއެވެ. އަދި ކަށުނަމާދުކުރުމަށްޓަކައި އެ ޤަބުރުސްތާނާ އިންވެގެން މިސްކިތެއް ބިނާކުރައްވާފައިވެއެވެ. ހުޅުމާލެއަށް މައްޔިތުން ގެންދަނީ 60 މީހުންގެ ޖާގައިގެ ފެރީއެއްގައެއެވެ. މި ފެރީގައި ޖާގަ އޮންނަ މިންވަރަކުން ޢާއިލާ މީހުންނަށްވެސް ފެރީގައި ހިލޭ ހުޅުމާލެ ދެވެއެވެ. 

މާލޭގައި ހުރި ހުރިހާ ގަބުރުސްތާނެއް ފުރިފައިވާއިރު، އެ ޤަބުރުސްތާންތަކާ މެދު ޢަމަލުކުރައްވާނޭ ގޮތްތަކެއް ހޯއްދަވައި ދިރާސާކުރެއްވުމުގެ މަސައްކަތް ރާއްޖޭގެ އިސްލާމީ ފަތުވާދޭ މަތީ މަޖިލީހާއި އިސްލާމިކް މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ. 

ޓީވީއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވުމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ ދުނިޔޭގެ ބިންބޮޑު އިސްލާމީ ބައެއް ޤައުމުތަކުގައިވެސް ޤަބުރުސްތާނުން ޖާގަ ހުސްކުރުމަށްޓަކައި އެކި ގޮތަށް ޢަމަލުކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އިސްލާމްދީނުގައި ކަނޑައަޅުއްވަފައިވާ ލުއިފަސޭހަކަމުގެ ތެރެއިން، ރާއްޖެފަދަ ބިންކުޑަ ޤައުމަކަށް މިކަމުގައި ޙައްލެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

"މަޖީދީ މަގުގައި އެ ހުންނަ ޤަބުރުސްތާނަށް ބަލާލިކަމުގައިވިޔަސް ފަސްއަޅައި ބާރުވެގެން އެއްފަރާތުގެ ފާރު އެ ހުންނަނީ ވެއްޓޭ ހިސާބަށް ގޮސްފައި. އެހެންވީމާ ސުވާލަކީ ދެން އަ ޙާލަތަށް އަތުވެއްޖެއްޔާ ދެން އަޅުގަނޑުމެން ކަންތައް ކުރާނީ ކިހިނެތްތޯ؟ އެހެންވީމަ މިއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަންކަން މިއީ. ޤަބުރުސްތާން އުސްކުރެވިގެން ވިޔަސް ނުވަތަ އެހެންތަނަކަށް ބަދަލުކުރެވިގެން ނަމަވެސް ރައްޔިތުންނަށް ގެއްލުން ނުވާ ގޮތަށް އަޅުގަނޑުމެން ޢަމަލުކުރަން ޖެހޭނެ.،" އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. 

ހުޅުމާލޭގައި ޤަބުރުސްތާނެއްގެގޮތުގައި ތައްޔާރުކުރައްވާފައިވާ ބިމުގައި ވިހިހާހަށްވުރެ ގިނަ މީހުން ވަޅުލެވޭނެއެވެ. އަދި މާލެއާއި ހުޅުމާލެ ބްރިޖަކުން ގުޅާލެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ނިމުމުން ހުޅުމާލެއަށް މައްޔިތުން އުފުލުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ބްރިޖްގެ މަސައްކަތް ނިމޭނެ ކަމަށް ސަރުކާރުން އަންދާޒާކުރައްވަނީ 2018 ވަނަ އަހަރުއެވެ.