ވިޔަފާރި

އެސްޓީއޯއިން ވިއްކާމުދާ ރާއްޖޭގެ އެކިހިސާބުތަކުން ލިބޭގޮތް ހަދަނީ


ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވާ އަމިއްލަ ވިޔަފާރިވެރިތަކަށް މާކެޓް ހޯދައިދިނުމަށް އެސްޓީއޯއިން ހާއްސަ އިސްކަމެއް ދެއެވެ.

އެސްޓިއޯއިން ވިއްކާ އުފެއްދުންތައް އަމިއްލަ ފަރާތްތަށް ދެމެދުވެރިކޮށް އަތޮޅުތަކުގައި ވިއްކުމަށް ޑިސްޓްރިބިއުޓަރުން އައްޔަނުކުރުމުގެ މަސައްކަތް އެކުންފުނިން އަންނަނީ ކުރަމުންނެވެ. އަދި ދިވެހި އުފެއްދުންތަކަށް މާރކެޓު ހޯދައިދިނުމަށް އެސްޓީއޯ ސްޕާރމާޓުގައި ވަކި ކޯނަރެއް ޚާއްސަކުރާނެ ކަމަށްވެސް އެސްޓިއޯއިން ބުނެއެވެ.

ސަރުކާރާއި ރައްޔިތުން ޙިއްޞާވާ ވިޔަފާރި ކުންފުނި އެސްޓީއޯގެ، ސްޕާމާޓަކީ އެއްތަނަކުން ހެޔޮއަގެއްގައި ގިނަ ބާވަތްތަކުގެ މުދާ ލިބޭ އާއްމުންގެ ގިނަ ބައެއްގެ ތަރުހީބުވެސް ލިބިފައިވާ މާޓެވެ. އެތަނުގައި ލިބެން ހުންނަ ތަކެތީގެ %66 އަކީ ދިވެހި ވިޔަފާރިވެރިން ރާއްޖެ އެތެރެކުރާ މުދާ ކަމަށް އެކުންފުނިން ބުނެއެވެ. އަދި އަމިއްލަ ކުންފުނިތަކުން ރާއްޖެއެތެރެކުރާ ބައެއް ތަކެތި އެސްޓިއޯ ފާމަސީގައިވެސް ވިއްކަމުންދާކަމަށް އެކުންފުނިން ބުނެއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވީ، އެސްޓީއޯ ސްޕާ މާޓުގައި ކުރިއަށްގެންދާ ޕްރޮމޯޝަންތަކުގައިވެސް، އަމިއްލަ ކުންފުނިތަކުން ރާއްޖެއަށް އެތެރެކުރާ ތަކެތި ޕްރޮމޯޓުކުރާކަމަށެވެ. އަދި ދިވެހި އުފެއްދުންތަކަށް މާކެޓު ހޯދައިދުނުމަށްޓަކައި އެސްޓީއޯ ސްޕާ މާޓުގައި ޚާއްސަ ކޯނަރއެއް ހެދުމަށް ވިސްނަވާކަމަށާ އެކަމާއި ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީއާ އެކު މަޝްވަރާކުރައްވަމުންދާ ކަމަށް ވެސް ޝަހީރު ވިދާޅުވިއެވެ.

އެސްޓީއޯގެ ފިހާރަތައް އަތޮޅުތަކުގައި ހިންގުމަށް ގިނަ ރަށްރަށުން އެދެމުންދިޔަނަމަވެސް އެ ކުންފުނީގެ މިހާރުގެ ވިސްނުމަކީ، އިތުރު ފިހާރަތައް ހުޅުވުމުގެ ބަދަލުގައި، އަމިއްލަ ވިޔަފާރިވެރިން މެދުވެރިކޮށް އެސްޓީއޯގެ މުދާ އާއްމުންނަށް ލިބޭނެ މަގު ފަހިކުރުންކަމަށް ޝަހީރު ވިދާޅުވިއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ޑިސްޓްރިބިއުޓަރުން އައްޔަން ކުރުމުގެ މަސައްކަތް ފަށާނެކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.

އެސްޓީއޯއިން ބޭނުންވަނީ އަމިއްލަ ވިޔަފާރިތަކާއި ގުޅިގެން މަސައްކަތްކުރާށެވެ. އެކުންފުނިން މިހާރުވެސް އަންނަނީ އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް އެސްޓީއޯގެ 14 ފިހާރަ ހުރެއެވެ.