ވިޔަފާރި

ފްރެންޗައިޒްތަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައި- އެމްއޭސީއެލް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންނަން ބޭނުންވި ހުރިހާ ފްރެންޗައިޒް ބްރޭންޑްތަކުން އެކަމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް އެމްއޭސީއެލުން ބުނެފިއެވެ. 

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ އެކުންފުނިން އެއަރޕޯޓަށް ގެންނަން ބޭނުންވި ފްރެންޗައިޒްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލި ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު އެތަންތަނުން އެކަމަށް އެދި ޕްރޮޕޯސަލްތައް ހުށައަޅާފައިވާކަމަށެވެ.  

ޓެންޑަރ ޑޮކިއުމަންޓްތަކުގެ މަސައްކަތް މި ހަފްތާތެރޭގައި ނިންމާ ބިޑް ހުށަހަޅަން 6 ހަފުތާގެ މުއްދަތެއް ދޭން ނިންމާފައިވާކަމަށްވެސް އާދިލް މުސާ ވިދާޅުވިއެވެ. އަދި މި އަހަރުގެ އޭޕްރިލް މަހުގެތެރޭގައި ފްރެންޗައިޒްތައް ޤާއިމުކުރުމުގެ މަސައްކަތް ފަށާނެކަމަށްވެސް އާދިލް ވިދާޅުވިއެވެ.

ވީއައިއޭގެ ޑޮމެސްޓިކް ޓަރމިނަލްގެ ކުރިމައްޗަށްވާ ގޮތަށް ކަނޑައެޅި ރެސްޓޯރަންޓް ސްޕޭސްއަށް ގެންނަން ހަމަޖެހިފައިވާ ދުނިޔޭގެ މަޝްހޫރު ފުޑް ބްރޭންޑްތަކުގެ ތެރޭގައި ކޭއެފްސީއާއި މެކްޑޮނަލްޑް، ސްޓާބަކްސް، ޕިއްޒާ ހަޓް، ބާސްކިން ރޮބިންސް ފަދަ ބްރޭންޑްތައް ހިމެނެއެވެ.

ވީއައިއޭގައި މިހާރުވެސް އިންޓަނޭޝަނަލް ފްރެންޗައިޒްގެ ޚިދުމަތް ދެމުން އާދެއެވެ. މިގޮތުން، ނޫޑީ، ބަރގާ ކިންގ، ކޮފީ ކްލަބް، ތައިއެކްސް ޕްރެސް ފަދަ ބައެއް އައުޓްލެޓްތައް މިހާރުވެސް ވީއައިއޭގައި ހުރެއެވެ.