ޚަބަރު

މާލޭއާއި ވިލިމާލޭގައި މަރުވާމީހުން ހުޅުމާލޭގައި ވަޅުލާން ފަށައިފި


މާލޭއާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭ ސަހަރާގައި ވަޅުލާން ފަށައިފިއެވެ.

މާލޭގައި މަރުވާ މީހުންގެ ހަށިގަނޑު ހުޅުމާލެއަށް ގެންދިޔުމަށް 60 މީހުންގެ ޖާގައިގެ ފެރީއެއް ވަނީ ހަމަޖައްސާފައެވެ. ކޮންމެ މައްޔިތަކާއެކު އައިލާ ތިން މީހުންނަށް މިފެރީގައި ހުޅުމާލެއަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފައި އޮތްނަމަވެސް ފެރީގައި ޖާގަ އޮތް މިންވަރަކުން އިތުރު މީހުންނަށްވެސް އެ ފެރީގައި ދަތުރުކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ މާލެ އާއި ވިލިމާލޭގައި މަރުވާ މީހުންގެ ހަށިގަނޑު ހުޅުމާލެއަށް ގެންދިޔުމަށް އާއިލާތަކުން އެއްވެސް ތަކުލީފެއް އުފުލަން ނުޖެހޭނެކަމަށެވެ.

"އިރާދަކުރެއްވިއްޔާ 2018 ވަނަ އަހަރު ބްރިޖު އަޅާ ނިމުނީމަ މި މައްސަލައަށް އެދެވޭ ޙައްލެއް ލިބިގެންދާނެ. މާނައަކީ ކަނޑުމަގުން މި ކުރަންޖެހޭ ދަތުރުތައް ނުކޮށް ހަމަސީދާ މާލެއިން ބްރިޖުމަތިން ހުރަސްކޮށް ހުޅުމާލެއަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމުން ރައްޔިތުންނަށް ލުއި ފަސޭހަވެގެންދާނެއޭ. މި ދޮޅު އަހަރުދުވަހުގެ ތެރޭގައި މިވާ ކަންތައްތައް ބަލައިގަތުމީ ސަރުކާރުން ރައްޔިތުންނަށް ކުރާ އިލްތިމާސެއް." އަލީ ވަޙީދު ވިދާޅުވިއެވެ. 

ހުޅުމާލޭގައި މީހުން ވަޅުލުމަށް ދުއިސައްތަ ހާސް އަކަފޫޓުގެ ސަހަރާއެއް ހަދާފައިވެއެވެ. އަދި އެތަނުގައި ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ. ހުޅުމާލޭ ސަހަރާގައި ވިހިހާހަށްވުރެ ގިނަ މީހުން ވަޅުލެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ލަފާކުރައްވައެވެ.