ޚަބަރު

ޖެންޑަރ މިނިސްޓްރީއަށް 4 މަސްތެރޭ، 900 އަށް ވުރެ ގިނަ މައްސަލަ


ފާއިތުވެދިޔަ 4 މަސްދުވަހުގެ ތެރޭގައި 900 އަށްވުރެ ގިނަ މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ. 

އެމިނިސްޓްރީން މަޢުލުމާތު ދެއްވާ ގޮތުގައި މީގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ މައްސަލަތަކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުން ފެށިގެން އެމިނިސްޓްރީން ގެންދަވަނީ ހުށަހެޅޭ މައްސަލަ ޢާއްމު ކުރައްވަމުންނެވެ.

ޢާއްމު ކުރައްވާފައިވާ މައްސަލަތަކުގެ ތަފްޞީލަށް ބަލާލާއިރު، މި މުއްދަތުގެ ތެރޭގައި އެމިނިސްޓްރީއަށް ޖުމްލަ ނުވަސަތޭކަ އެއް މައްސަލަ ހުށަހެޅިފައިވެއެވެ. މިއީ މަހެއްގެ މައްޗަށް ބަލާއިރު، އެވްރެޖްކޮށް 225 މައްސަލައެވެ.

އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިންސީ އަނިޔާގެ މައްސަލައެވެ. ފާއިތުވެ ދިޔަ 4 މަސްދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން 120 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެން މައްސަލަތަކުގެ ތެރޭގައި، ޖިސްމާނީ އަނިޔާއާއި،އިހުމާލުވުމުގެ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުންވެސް، ކުޑަކުދިންނަށް ޤާނޫނަކުން ނުވަތަ މުއާޙަދާއަކުން ކަށަވަރުކޮށްދޭ ޙައްޤެއް ނުދީ ހިފަހައްޓައިގެން ހުށަހަޅާ މައްސަލަތައް ވެސް ހިމެނެއެވެ. 

ވޭތުވެދިޔަ 4 މަސް ދުވަހުގެ ތެރޭގައި މިިބާވަތުގެ 25 މައްސަަލައެއް ހުށަހެޅިފައިވާއިރު، މީގެ ތެރޭގައި އައި.ޑީ ކާޑާއި އުފަންދުވަހުގެ ސެެޓްފިކެޓް ނުހެދުމާއި، ޞިއްހީ ފަރުވާއަށް ހުރަސް އެޅުން ފަދަ މައްސަލަ ހިމެނޭ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވިއެވެ. 

ޖެންޑަރ މިނިސްޓަރ ވިދާޅުވީ، ކުޑަކުދިންނާއި ގުޅިގެން އެ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް މަހުން މަހަށް އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާކަމަށެވެ. އަދި މިފަދަ މައްސަލަތައް އިތުުރުވުމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓަންޖެހޭ ކުދިންގެ ޢަދަދުވެސް އިތުރުވަމުން އަންނަކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ޖެންޑަރ މިނިސްޓްރީއަށް ފާއިތުވި ހަތަރުމަހުގެ ތެރޭގައި ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި، ގެވެށި އަނިޔާގެ މައްސަލަތައް ހިމެނޭ ގޮތައް 100 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅުނެވެ. މީގެ ތެރެއިން އަށްޑިހަ ފަހެއް އިންސައްތަ މައްސަލައަކީ އަންހެނުންނަށް އަނިޔާކުރި މައްސަލަތަކެއްކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރިޕޯޓް ކުރެވިފައިވާ މައްސަލަތަކުގެ %40 އަކީ ޖިސްމާނީ އަނިޔާގެ މައްސަލައެވެ. 

img:http://s1.psmnews.mv/images/660x400/14806883704133.jpg|ޖެންޑަރ މިނިސްޓަރ ޒެނީޝާ އުމުރުން ދުވަސްވީ ބަޔަކާ ބައްދަލުކުރައްވަނީ - ފޮޓޯ: ޖެންޑަރ މިނިސްޓްރީ

މީގެ އިތުރުން ޢުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަނިޔާކުރުމާއި، އިހްމާލުވުމުގެ 74 މައްސަލައެއް މިމުއްދަތުގެ ތެރޭގައި ހުށަހެޅިފައިވެއެވެ. މިނިސްޓްރީއަށް ހުށަހަޅާ މައްސަލަ އިތުރުވީ ނަމަވެސް، ވަރަށް ގިނަ މައްސަލަތައް އަދިވެސް ތަފާތު އެކި ސަބަބުތަކާހެދި ރިޕޯޓް ނުކުރާކަން ފާހަގަކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.