ސިއްހަތު

އުރަމަތީގެ ކެންސަރަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ފަށްޓަވަނީ


އުރަމަތީގެ ކެންސަރަށް ސްކްރީންކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް، ދުނިޔޭގެ ކެންސަރު ދުވަހާ ގުޅުވައިގެން ފަށްޓަވަން އައިޖީއެޗުން ނިންމަވައިފިއެވެ.

ޢުމުރުން ސާޅީސް އަހަރުން މަތީގެ އަންހެނުންނަށް ޢަމާޒުކުރައްވައިގެން ފަށްޓަވާ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އުރަމަތީ ކެންސަރަށް ހޭލުންތެރިކުރެއްވުމާއި ދުރާލައި ސްކްރީންކުރުމުގެ މުހިންމުކަން އަންގައިދެއްވުމާއެކު، ސްކްރީންކުރުމުގެ ޚިދުމަތް ލުއިފަސޭހަ ގޮތެއްގައި ލިބޭނޭ އިންތިޒާމް ހަމަޖައްސަވައިދެއްވުންކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

އެހޮސްޕިޓަލުން ވިދާޅުވީ، އަންނަ އާދީއްތަ ދުވަހު މި ޕްރޮގްރާމް ލޯންޗްކުރެއްވުމަށް ހަމަޖެހިފައިވާކަމަށާއި، އަންނަ އަންގާރަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއެއްގެވެސް އަންގާރަދުވަހު އުރަމަތީގެ ކެންސަރަށް ސްކްރީންކުރުމުގެ ޚިދުމަތް ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ދެއްވާނެކަމަށެވެ.

img:http://s2.psmnews.mv/images/660x400/8087.jpg|އައިޖީއެމްއެޗް - ފައިލް ފޮޓޯ: ޕީއެސްއެމް

"އުޞޫލެއްގެ ގޮތުން މިއޮންނަނީ،އަންހެން ބޭފުޅުން އުރަމަތީ ކެންސަރުގެ ޢަލާމާތެއް ފެނިއްޖެނަމަ،ޑޮކްޓަރަށް ދައްކައިގެން ޑޮކްޓަރުގެ ލަފަޔާއެކު ޓެސްޓްތައް ހަދައިގެން ސްކްރީންކުރާ ގޮތައް. އެހެންނަމަވެސް އަޅުގަނޑުމެން ޤަބޫލްކުރަނީ،މިއަށްވުރެ  ފަސޭހަގޮތަކަށް ސްކްރީން ކުރުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނަން ޖެހޭ ކަމަށް.އެގޮތުން އަންނަ ހަފްތާއިން ފެށިގެން ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަދުވަހު ،ހޮސްޕިޓަލުގެ ރޭޑިއޯލޮޖީ ޑިޕާޓްމެންޓުން މިޚިދްމަތް ލިބޭނޭ އިންތިޒާމް އަޅުގަނޑުމެން މިހަމަ ޖައްސަނީ." އައިޖީއެމްއެޗުގެ ޑައިރެކްޓަރ ޕީއާރް އެންޑް މީޑިއާ، އަޙްމަދު މަޢުސޫމް ވިދާޅުވިއެވެ. 

އައިޖީއެމްއެޗުން ވިދާޅުވީ ޢުމުރުން ސާޅީސް އަހަރުން މަތީގެ ކޮންމެ މީހަކުވެސް އަންގާރަދުވަހު ހެދުނު އެހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓުގެ އެކްސްރޭ ކައުންޓަރަށް ދިއުމުން، އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ ޚިދުމަތް އެމީހަކަށް ދެއްވާނެކަމަށެވެ. އައިޖީއެމްއެޗުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓުން ވިދާޅުވީ، މިހާރު މިކަމަށް ކުރައްވަންޖެހޭ އެންމެހާ ތައްޔާރީތައް ނިމިފައިވާކަމަށެވެ.