ކުޅިވަރު

މެސީ ކުޅޭނީ އަހަރެމެންނަށް އެންމެ އުނދަގޫވާ ދިމާލަކަށް- ސިމިއޯނީ


އެތްލެޓިކޯ މެޑްރިޑް ކޮޕަޑެލްރޭގެ ސެމީއަށް ގެންދެވުނުކަމީވެސް ވަރަށްބޮޑު ހިތްހަމަޖެހުމެއްކަމަށް އެޓިމްގެ ކޯޗް ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ.

މިރޭ ދަންވަރު އެކެއް ޖަހާއިރު ކުޅޭ ކޮޕަ ޑެލް ރޭ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސެލޯނާޔާ ދެކޮޅަށް އެތްލެޓިކޯ މެޑްރިޑް ނުކުންނާނީ އަމިއްލަ ދަނޑުގައެވެ.

ސިމިއޯނީ ބުނީ ކްލަބުގައި ހޭދަކުރާ ފަސްވަނަ އަހަރު، އެތްލެޓިކޯ މެޑްރިޑް ވިދިވިގެން ހަވަނަ ފަހަރަށް ސެމީގައި ކުޅޭކަމީ ވަރަށްބޮޑު އުފަލެއްކަމަށެވެ. ސިމިއޯނީ ބުނީ އެއީ ފަސޭހަކަމެއް ނޫންކަމަށާއި، އެހެންކަމުން ކްލަބުން ހޯދާފައިވާ ކުރިއެރުމާއިމެދު ފަޙުރުވެރިވާކަމަށެވެ.

އަހަރުތަކެއް ވަންދެން ތަށްޓެއް ނުލިބި އޮތުމަށްފަހު ސިމިއޯނީގެ އިރުޝާދުގެ ދަށުން 2013 ވަނަ އަހަރު އުފުލާލި ކޮޕަޑެލްރޭ ތަށްޓަކީ 17 އަހަރަށްފަހު އެ ޓީމުން އުފުލާލި ކޮޕަޑޭލްރޭ ފުރަތަމަ ތަށްޓެވެ.

ސިމިއޯނީގެ އިރުޝާދުގެ ދަށުން ދެ ފަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެތްލެޓިކޯ ދަތުރުކޮށްފައިވާއިރު 2014 ވަނަ އަހަރުގެ ލީގުވެސް އެތްލެޓިކޯއިން ވަނީ ކާމިޔާބުކޮށްފައެވެ.

އެހެންނަމަވެސް މި ސީޒަންގައި އެތްލެޓިކޯގެ ނަތީޖާތައް ފެންނަނީ އެންމެ ރަނގަޅަކަށް ނޫނެވެ. 34 ޕޮއިންޓާއެކު އެތްލެޓިކޯ އޮތީ ލީގުގެ ހަތަރުވަނަ މަގާމުގައެވެ. ލީގުގެ އެންމެ ކުރީގައި އޮތް ރެއާލްއާ ދެމެދު 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ސިމިއޯނީ ބުނީ އޭނަ ޤަބޫލްކުރާގޮތުގައި ބާސެލޯނާއަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ޓީމެވެ.

ސިމިއޯނީ ބުނީ ބާސެލޯނާއިން ކޮންމެ ޓީމެއް ނެރުނުނަމަވެސް އެއީ ބަލި ޓީމަކަށް ނުވާނޭކަމަށާއި، މިރޭގެ މެޗް ވެގެންދާނީ ވަރަށް ފޯރިގަދަ މެޗަކަށްކަމަށެވެ. އަދި މިރޭގެ މެޗުގައި މެސީ ކުޅޭނެ ވަކިތަނެއް ބުނަން ނޭނގޭކަމަށް އާޖެންޓިނާގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.

"މެސީ ކުޅޭނީ އޭނާ އެތަނަކަށް ކުޅުމުގެ ސަބަބުން އަހަރުމެންނަށް އެންމެ ގެއްލުން ވާނެ ދިމާލަކަށް" ސިމިއޯނީ ބުންޏެވެ.

މި މެޗާ ބެހޭގޮތުން ބާސެލޯނާގެ ކޯޗް ލުއި އެންރީކޭ ބުނީ ކޮޕަ ޑެލްރޭ ކާމިޔާބުކުރަން ބޭނުންނަމަ މިރޭ އެތްލެޓިކޯގެ ދަނޑުން ފައިބަންޖެހޭނީ މޮޅަކާއެކުކަމަށެވެ.

"އަހަރުމެން މި މެޗުން ބޭނުންވާ ކަންތައް ވަރަށް ސާފު. އަހަރުމެން ކޮންމެހެންވެސް ބޭނުން މި މެޗުން މޮޅުވާން. އަދި އެކަން ކުރަން ބޭނުންނަމަ އަހަރުމެން ޖެހޭނެ ގޯލް ޖަހަން" އެންރީކޭ ބުންޏެވެ.

މިރޭގެ މެޗުގައި ބާސާގެ އެންދްރެއަސް އިނިއެސްޓާ އަދި ސާރޖިއޯ ބުސްކެޓްސްއަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެއެވެ. އެންރީކޭ ބުނީ އެހެން ނޫނަސް މިރޭގެ މެޗަށް ޓީމަށް ބަދަލު ގެންނާނެކަމަށެވެ.

ސެމީފައިނަލުގައި އަނެއްކޮޅުން ނުކުންނަނީ އެންރީކޭގެ ކުރީގެ ޓީމް ސެލްތަވީގޯ އަދި އަލާވޭސްއެވެ.

މި މުބާރާތުގެ ފައިނަލް ކުޅެވޭނީ މޭ މަހުގެ 27 ވަނަ ދުވަހު އެވެ.