ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބު އޭޕްރީލް 15 ވަނަ ދުވަހަށް ފަސްކޮށްފި


އިލެކްޝަންސް ކޮމިޝަނުން އެޕްރީލްމަހުގެ 8 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖައްސަވާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު، އޭޕްރީލްމަހުގެ 15 ދުވަހަށް ފަސްކުރެއްވުމަށް އެކޮމިޝަނުން ނިންމަވައިފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބު އޭޕްރީލްމަހުގެ 15 ވަނަ ދުވަހަށް ފަސްކުރެއްވީ އިންތިޚާބުގެ ކަންތައްތައް މައިގަނޑުގޮތެއްގައި ކުރިއަށްގެންދާ ސްކޫލް ހޯލްތައް އިންތިޚާބު ބާއްވަން އޮތް ތާރީޙަށް ލިބެން ނެތްކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގެވުމާ ގުޅިގެނެވެ. އަދި އިންތިޚާބު ފަސްކުރެއްވުމަށް ނިންމެވީ، އިންތިޚާބާބެހޭ ޤައުމީ ލަފާދޭ ކޮމިޓީއާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މަތިންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. 

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބު ބާއްވާ ތާރީޚަށް އައި ބަދަލާއެކު ވޯޓަރސް ލިސްޓަށްވެސް ބަދަލުތަކެއް އަންނާނެކަމަށެވެ. މީގެ އިތުރުންވެސް އިންތިޚާބާ ގުޅުންހުރި އެހެން ބައެއް ކަންކަމަށްވެސް ބަދަލުތައް އަންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. 

އިންތިޚާބު ބާއްވާ ތާރީޚު ފަސްކުރައްވާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިއިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ. 

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ބޭއްވެވުމަށް އެންމެ ފުރަތަމަ ކަނޑައެޅީ ޖެނުއަރީމަހުގެ 14 ވަނަ ދުވަހުއެވެ. އޭޕްރީލްމަހުގެ 8 ވަނަ ދުވަހު އިންތިޚާބު ބޭއްވެވުމަށް ނިންމެވީ އިންތިޚާބު ދެ މަސްދުވަހަށް ފަސްކުރެއްވުމަށް ސިވިލް ކޯޓުން ކުރެއްވި ޙުކުމަކާ ގުޅިގެނެވެ.