ކުޅިވަރު

60 އަށް ވުރެ ގިނަ ބަށި ކޯޓް އަޅައިފި


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 60 އަށް ވުރެ ގިނަ ބަށި ކޯޓް އަޅައިފިކަމަށް ޔޫތް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. މިނިސްޓްރީން މައުލޫމާތުދެއްވި ގޮތުގައި ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން މިހާރުވެސް 30 އަށް ވުރެ ގިނަ ރަށުގައި ބަށިކޯޓްތައް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ އިތުރުން 40 އަށް ވުރެ ގިނަ ރަށުގައި ބަށި ކޯޓު އެޅުމަށް ކައުންސިލްތަކަށް ސިޓީ ފޮނުވިފައިވާކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. 

ކުޅިވަރާ ބެހޭ މިނިސްޓްރީން ފާހަގަކުރައްވާ ގޮތުގައި ރައީސް ޔާމީން ވެރިކަމާއި ހަވާލުވެ ވަޑައިގެން ކުރިއަށް ގެންދަވާ ސްޕޯރޓްސް އެރީނާ މަޝްރޫޢުގައި ބަށިބޯޅަ ކޯޓްތައްވެސް ހިމެނިގެންދިއުމަކީ ބަށި ބޯޅަ ކުޅޭ އަންހެން ކަނބަލުންނަށް އެކުޅިވަރުގައި ކުރިއަށްދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔަކަމެކެވެ. އަދި ރާއްޖޭގެ އަންހެން ކަނބަލުންނަށް ހާއްސަކުރެވިގެން ކުރިއަށްގެންދާ މިމަޝްރޫއަކީ ސްޕޯޓްސް އެރީނާގައި ހިމެނޭ މުހިންމު ކޮމްޕޯނަންޓެއްކަމަށް އެމިނިސްޓްރީން މައުލޫމާތުދެއްވައެވެ. 

ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ޤާއިމް ކުރަމުންދާ ބަށި ކޯޓްތަކަށް މިހާތަނަށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިފައިވާކަމަށް ޔޫތް މިނިސްޓްރީން މައުލުމާތުދެއްވިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބަށިބޯޅަ ކުޅޭ އަންހެނުން އިތުރުވެ، މުބާރާތްތައްވެސް އިތުރުވެފައި މިވާ ދަނޑިވަޅުގައި މުޅިރާއްޖެއަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް ބަށިބޯޅަ މުބާރާތެއް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. " ފަސްޓް ލޭޑީ ބަށިބޯލް ޗެމްޕިއަންޝިޕް 2017 " އަންނަ ހުކުރު ދުވަހު ހަވީރު ނ.ލަންދޫގައި ފަށާނެއެވެ.