ކުޅިވަރު

އައްމަޑޭ ދެ ޓީމްގެ ޕްރެކްޓިސްގައި


2005 ވަނަ އަހަރު ނިއުރޭޑިއަންޓް އޭއެފްސީކަޕްގެ ސެމީފައިނަލަށް ގެންގޮސްދިން ކެޕްޓަން އަހުމަދު މުޙައްމަދު (އައްމަޑޭ) ދެ ޓީމްގެ ޕްރެކްޓިސްގައި ބައިވެރިވެއްޖެއެވެ. 

ކްލަބް ވެލެންސިޔާ އޭއެފްސީކަޕް ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ބޫޓާނާ ދެކޮޅަށް ކުޅެން ފުރުމުގެ ކުރިން އެކްލަބްގެ ޕްރެކްޓިސްގައިވެސް އޭނާ ވަނީ ބައިވެރިވެފައެވެ. ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ރަސްމީ ސްޓޭޑިއަމްގައި އޮތް ވެލެންސިޔާގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވީ ވެލެންސިޔާގެ ކިޓްގައެވެ. ނަމަވެސް ވެލެންސިޔާ ބޫޓާނާަށް ފުރިއިރު އައްމަޑޭއެއް ނުގެންދެއެވެ. 

އޭގެ ފަހުން އޭނާ ފެނުނީ ޖެނުއަރީ 30 ވަނަ ދުވަހު ފެށި ޔުނައިޓެޑް ވިކްޓްރީގެ ފަރިތަކުރުންތަކުންނެވެ. އެޓީމްގެ ޕްރެކްޓިސްގައިވެސް އައްމަޑޭ ބައިވެރިވީ ޓީމްގެ ކިޓްގައެވެ. މިކަމާ ގުޅިގެން ސުވާލުކުރުމުން އައްމަޑޭ ބުނީ އޭނާއަކީ ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިއެއްކަމަށެވެ.

" ޔޫވީ، އޯކޭ " ވައިބަރ މެސެޖް މެދުވެރިކޮށް އައްމަޑޭ ބުންޏެވެ. 

ވެލެންސިޔާގެ ޕްރެކްޓިސް ފެށުމުގެ ކުރިން ގްރީން ސްޓްރީޓުންވެސް ވަނީ އައްމަޑޭ އެކްލަބުން ފެންނާނެކަން އިއުލާންކޮށްފައެވެ. ޓީވީއެމްގެ ސްޕޯރޓްސް ބީޓް ޕްރޮގްރާމްގައި ވާހަކަދައްކަމުން އައްމަޑޭ ގްރީން ސްޓްރީޓުން ފެންނާނެކަން އިއުލާންކުރީ ކޯޗު ޞަބާހު މުޙައްމަދެވެ.

ނަމަވެސް އޭރުވެސް ވެލެންސިޔާގެ އޮފިޝަލަކު ބުނީ އައްމަޑޭއަކީ ވެލެންސިޔާގެ ކުޅުންތެރިއެއްކަމަށާއި، އެގްރިމަންޓްވެސް އެބައޮތްކަމަށެވެ. ޔުނައިޓެޑް ވިކްޓްރީގެ ޕްރެކްޓިސްގައި އައްމަޑޭ ބައިވެރިވުމުން ވެލެންސިޔާގެ އޮފިޝަލަކު ބުނީ އޭނާގެ ކޮންޓްރެކްޓް އަދިވެސް އެބައޮތްކަމަށާއި، ބޫޓާން މެޗަށް ނުގެންދިއުމަކީ ކޯޗުގެ ނިންމުމެއްކަމަށެވެ.

އައްމަޑޭއަކީ ކުރިން މޮޅަށް ކުޅުން މިޑްފީލްޑަރެކެވެ. ނިއުގެ އިތުރުން ވިކްޓްރީއާއި މާޒިޔާއަށްވެސް އޭނާ ކުޅުނެވެ. އޭނާގެ ކުޅުން ފަނޑުވެ، ފުރުޞަތުގެއްލެން ފެށީ މާޒިޔާއަށް ބަދަލުވެ ބައިބަލާ މުބާރާތުގައި ކުޅުމުން އެކްލަބުން އޭނާ ސަސްޕެންޑްކުރި ހިސާބުންނެވެ.