ކުޅިވަރު

12 ޓީމާއެކު އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތް މިއަދު ފަށާނެ


12 ޓީމާއެކު އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތް މިއަދު ފަށާނެއެވެ. 2 ވަނަ އިންޓަަރ އޮފީސް ހޭންޑްބޯޅަ މުބާރާތް ފެށުމުގެ ގޮތުން މިއަދު ޚާއްޞަ މެޗެއް ކުޅޭނެކަމަށް ހޭންޑްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. މިމެޗުގައި ވާދަކުރާނީ މޯލްޑިވްސް ޑެފް އެސޯސިއޭޝަނާއި، ހޭންޑް ބޯލް މޯލްޑިވްސްގެ ޓީމެކެވެ. 

އަންހެން އަދި ފިރިހެންބައިވެސް ހިމެނޭ މިމުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އަންހެންބައިގެ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއާއި، މޯލްޑިވްސް ގޭސްއެވެ. އަދި މުބާރާތުގެ ދެ ވަނަ މެޗުގައި ވާދަކުރާނީ ފިރިހެން ބައިގެ ޕޮލިސް ކުލަބާއި، މޯލްޑިވްސް ގޭސްއެވެ. މިއަދު މިމުބާރާތުގެ 3 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ 3 ވަނަ މެޗުގައި ވާދަކުރާނީ އަންހެންބައިގެ މިނިސްޓްރީ އޮފް ފިނޭސްއާއި، މިނިިސްޓްރީ އޮފް ޓުއަރިޒަމްއެވެ.

ހޭންޑް ބޯލް މޯލްޑިވްސްއިން މަޢުލުމާތުދިން ގޮތުގައި މިމުބާރާތުގެ ފިރިހެންބައި ކުރިއަށްދާނީ 2 ބުރަކަށް ބަހާލައިގެންނެވެ. އަދި 2 ބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. މުބާރާތުގެ އަންހެންބައި ވަނީ 2 ގުރޫޕަކަށް ބަހާލާފައެވެ. ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމް ސެމީ ފައިނަލް މެޗް ކުޅުމަށްފަހު ފައިނަލްގައި ވާދަކުރާ ގޮތަށެވެ.މިފަހަރުގެ މުބާރާތުގެ އަންހެން ބައިގަ ވާދަކުރާ ޓީމް ތަކަކީ އައިޖީއެމްއެޗް، މޯލްޑިވްސް ގޭސް، ޕޮލިސް، ޔޫތު މިނިސްޓްރީ، އިމިގްރޭޝަން، ފުލައިމީ، ފިނޭސް މިނިސްޓްރީ، އަދި ޓުއަރިޒަމް މިނިސްޓްރީއެވެ. މުބާރާތުގެ ފިރިހެން ބައިގައި ވާދަކުރާނީ ސްޓެލްކޯ، އެމްޕީއެލް، ޕޮލިސް، އަދި މޯލްޑިވްސް ގޭސްއެވެ. 

މިދިޔަ އަހަރުގެ އިންޓަަރ އޮފީސް ހޭންޑްބޯޅަ މުބާރާތުގެ އަންހެންބައިގެ ޗެންޕިއަންކަން ހޯދީ އިމިގްރޭޝަން އަދި ފިރިހެންބައިގެ ޗެންޕިއަންކަން ހޯދީ އެމްއެންޑީއެފްއެވެ.