ސިއްހަތު

މެލޭރިއާއަށް ފަރުވާދިނުމަށް ބޭނުންކުރާ 2 ބޭހެއް ފެއިލްވެއްޖެ


އިނގިރޭސިވިލާތުގައި މެލޭރިއާއަށް ފަރުވާދިނުމަށް ބޭނުންކުރާ 2 މައި ބޭހެއް ފުރަތަމަ ފަހަރަށް ފެއިލްވެއްޖެއެވެ. 

އިނގިރޭސިވިލާތުގެ އެންޓި-މައިކްރޯބިއަލް އެޖެންޓްސް އެންޑް ކީމޯތެރަޕީ ޖަރނަލްގައި ރިޕޯޓްކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި ދޭތެރޭ މެލޭރިއާ ޖެހިގެން ފަރުވާ ހޯދި 4 މީހެއް ބޭހަށް ނުގުޑާކަމަށް ކްލިނިކަލް ރިޕޯޓްތަކުން ދައްކާފައިވާކަމަށެވެ. 

މިރިޕޯޓްގައި ވަނީ މެލޭރިއާ ޖެހިގެން ބޭސް ކުރި 4 ޕޭޝަންޓެއް ރަނަގަޅުވެ، ގެއައްދޫކުރުމަށްފަހު މަހެއްހާ ދުވަސްފަހުން އަނެއްކާވެސް ބަލިވުމާއި ގުޅިގެން ޑޮކްޓަރަށް ދެއްކި ދެއްކުމުން މެލޭރިއާގެ އަސަރު ހަށިގަނޑުގައިހުރިކަން އެނގިގެންދިޔަކަމަށެވެ. އަދި ދެން މިމީހުންނަށް ފަރުވާދިނީ އެހެން ބޭސްތަކެއް ބޭނުންކޮށްގެންކަމަށާ، މި 4 ޕޭޝަންޓުންނަކީވެސް އެފްރިކާއަށް ދަތުރުކުރުމަށްފަހު އެނބުރި އައިސް މެލޭރިއާ ޖެހިގެން ޑޮކްޓަރަށް ދެއްކި 4 މީހުންކަމަށް އެރިޕޯޓުގައިވެއެވެ.  މިމީހުންނަށް ފުރަތަމަ ފަރުވާދިނުމަށް ބޭނުންކޮށް ފެއިލްވި 2 ބޭހަކީ "އަރްތިމީޓާ" އާއި "ލުމެފެންޓްރިން" އެވެ. މި 2 ބޭހަކީ މެލޭރިއާގެ ފަރުވާގައި ބޭނުންކުރާ މައިދެބޭހެވެ. 

މިކަމާއި ގުޅިގެން ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގެ މެލޭރިއާ ރެފެރެންސް ލެބޯޓަރީގައިވަނީ އިތުރު ތަހުލީލްތަކެއް ކޮށްފައެވެ. މި ތަހުލީލުތަކާ ބޭހޭގޮތުން ވާހަކަ ދައްކަވަމުން ޑރ.ކޮލިން ސަތަލޭންޑް ވިދާޅުވީ މެލޭރިއާ ފަތުރާ ސޫފިތައް މިހާރު ގުދުރަތީގޮތުން އަމިއްލަ ދިފާއީ ނިޒާމް ވަރުގަދަކޮށް މެލޭރިއާއަށް ފަރުވާ ދިނުމަށް ބޭނުންކުރާ މައި ބޭސްތަކަކަށް ނުގުޑާގޮތް ވެފައިވާކަމަށެވެ. އެހެންކަމުން މިކަމަށް ތައްޔާރުވެ، ބޭނުންވާ ދިރާސާތައްކޮށް، ދިމާވެދާނެ މައްސަލައަކަށް ތައްޔާރުވާންޖެހޭކަމަށް ވެސް ސަތަލޭންޑް ވިދާޅުވިއެވެ. އަދި ކުރިންވެސް އެފްރިކާގައި މިބައްޔަށް ފަރުވާދިނުމަށް ބޭނުންކުރާ ބޭހުން އަސަރު ނުކުރާކަމުގެ ޚަބަރުތަކެއް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

މިއީ މެލޭރިއާ ޖައްސާ ޕެރަސައިޓް ނުވަތަ ސޫފި ނައްތާލުމުގެ ގޮތުން ފަރުވާދިނުމަށް ބޭނުންކުރާ މައި ބޭހަކަށް ނުގުޑުމުގެ އަލާމާތްތައް ފެނިފައިވާ ފުރަތަމަ ފަހަރެވެ. ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިކޭސިންއިން ބުނީ އަދި މިކަމުގައި ހާސް ވާން ނުޖެހޭކަމަށެވެ. ނަމަވެސް މިކަމުގެ އިތުރު މައުލޫމަތު ހޯދާ، ކަންތައްތައް ގޯސްވެދާނެކަމަށް ތައްޔާރުވުމުގެ ގޮތުން އެފްރިކާގައި މެލޭރިއާ ފަތުރާ މަދިރި، ބޭހަށް ގުޑާ މިންވަރު ބެލުމަށް ޚާއްސަ ދިރަސާތަކެއް ހާދައި، ބަލިފަތުރާ ސޫފި ނައްތާލުމަށް ބޭނުންކުރެވިދާނެ ބޭސް ތައްޔާރުކޮށް މިކަމަށް ތައްޔާރުވާން ޖެހޭކަމަށް އެފަރާތުން ބުނެއެވެ. މެލޭރިއާއަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ. 

އިނގިރޭސިވިލާތުގައި އަހަރެއްގެ މައްޗަށް މެލޭރިއާ ޖެހިގެން އެއްހާސް ފަސްސަތޭކައާއި ދެހާސް މީހުން ޑޮކްޓަރަށް ދައްކައެވެ. އެޤައުމުގައި މިބަލިޖެހިގެން ޑޮކްޓަރަށް ދައްކާ އެންމެންނަކީވެސް އެހެން ޤައުމުތަކަށް ދަތުރުކުރުމަށްފަހު އެނބުރި އައި މީހުންކަމަށް ރެކޯޑްތަކުން ދައްކައެވެ.