ކުޅިވަރު

ބާރު އުކުންތެރިޔާ ހަސަން އިބްރާހީމް މެލޭޝިޔާ މުބާރާތަކަށް


މެލޭޝިޔާ ތަމްރީން ކޭމްޕްގެ ތެރެއިން ލިބުނު ފުރުޞަތެއްގައި ޤައުމީ ކްރިކެޓް ޓީމްގެ ވައިސް ކެޕްޓަން ހަސަން އިބްރާހީމް އެޤައުމުގެ މުބާރާތެއްގައި ވާދަކުރަން ހިނގައްޖެއެވެ. 

މެލޭޝިޔާ ތަމްރީން ކޭމްޕަށް ދިޔަ ޓީމްގެ ވައިސް ކެޕްޓަން ހަސަން އިބްރާހީމްއަށް ފުރުޞަތު ލިބުނީ މެލޭޝިޔާގެ ސިޓީތަކުގެ މެޗުގައި ކުޅޭ މުބާރާތަކުންނެވެ. ބާރު އުކުންތެރިޔާ މުބާރާތުގައި ކުޅޭނީ ޕިނޭންގް ޓީމަށެވެ. މިއީ ދެދުވަހުގެ މުބާރާތެކެވެ. ނަމަވެސް ހަސަން ޤަބޫލުކުރާގޮތުގައި މިމުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކައިގެން އިތުރު ފުރުޞަތުތައް ހޯދޭނެއެވެ. އަދި ޓީމްގެ އެހެން ކުޅުންތެރިންނަށްވެސް ތަމްރީން ކޭމްޕް ތަކުގައި ހުނަރު ދައްކާލައިގެން ފުރުޞަތުތައް ލިބޭނެ ދުވަސް އޮތީ ކައިރީގައިކަމަށް ހަސަން ޤަބޫލުކުރެއެވެ.

" މިއީ ދެން ހަޔާތުގައި އެންމެ ބޮޑު ކުރިއެރުންކަމަށް މިޤަބޫލުކުރަނީ. ރާއްޖެއިން ބޭޢރަށްގޮސް ރާއްޖޭގެ ކޮލިޓީ ދައްކާލުމަކީ ހަމަ ފަކްރުވެރިކަމާއެކު ކުރެވޭނެކަމެއް " ޒުވާން ކުޅުންތެރިޔާ ފުރުމުގެ ކުރިން ބުންޏެވެ.

 މިފުރުޞަތު ލިބުމުން ޒުވާން ކުޅުންތެރިޔާ ވަނީ ކްރިކެޓް ބޯޑާއި، ޤައުމީ ޓީމްގެ ކުޅުންތެރިންނާއި އާއިލާގެ އެހީތެރިކަން ފާހަގަކޮށްފައެވެ. ހަސަން އިބްރާހީމް އަކީ ޤައުމުން ބޭރުގައި ކްރިކެޓް ކުޅޭ ފުރަތަމަ ދިވެހި ކުޅުންތެރިޔާއެވެ.