ސިޔާސީ

ޕީޕީއެމް ކެނޑިޑޭޓުން އިޢުލާނުކުރުން ހޮނިހިރުދުވަހު !


ޕީޕީއެމްގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުންނަށް ޓިކެޓް ޙާވާލުކުރުމަށް އަންނަ ހޮނިހިރު ދުވަހުގެރޭ  ޖަލްސާއެއް ބާވަން އެޕާޓީން ނިންމައިފިއެވެ. 

މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ސެކެއްޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ "ހޭވައްލާ"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބައްވާ މި ޖަލްސާގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ރަސްމީކޮށް ޓިކެޓް ހަވާލުކުރުން އޮންނާނެކަމަށެވެ. އަދި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުޝްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެ ވަޑައިގަންނަވާނެކަމަށެވެ. 

"މިބައްދަލުވުމަކީ ޕާޓީން ޤައުމާ ގުޅޭގޮތުން މިގެންގުޅޭ ތަޞައްވުރު ވަރަށް ރަނގަޅަށް ހާމަވެގެންދާން ޖަލްސާއަކަށް ވެގެންދާނެ. މިހާތަނަރަށް ރާއްޖޭގެ ތާރީޚްގައި އެންމެ ބޮޑު ޖަލްސާއެއް ބާއްވާފައިވަނީ ޕީޕީއެމުން، އަދި މި ޖަލްސާ ވެގެންދާނީ މިކަން ތަކުރާރު ވެގެންދާނެ ޖަލްސާއަކަށް.،" ޑރ.ޚަލީލް ވިދާޅުވިއެވެ. 

ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ލޯކަލް ކައުންސިލް އިންތިޚާބުގެ ޕީޕީއެމްގެ ކެމްޕެއިން މެނޭޖަރު މުޙައްމަދު ނިމާލް ވިދާޅުވީ އެޕާޓީން ބާއްވާ ޖަލްސާގައި 20000 އަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށް ލަފާކުރައްވާކަމަށެވެ. އަދި ލޯކަލް ކައުންސިލްގެ އިންތިޚާބަށް ޕީޕީއެމްގެ ކެންޕެއިން ރަސްމީކޮށް  ފެށުންވެސް މި ޖަލްސާގައި އޮންނާނެކަމަށް ނިމާލް ވިދާޅުވިއެވެ.

"ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމުން ބޭނުންކުރާނެ ތީމަކީ "ހޭވައްލާ" މިތީމް. މިޖަލްސާވެސް ކުރިއަށްގެންދާނީވެސް މި ތީމްގެ ދަށުން. އަދި ލޯކަލް ކައުންސިލް އިންތިޚާބު ނިންމާލާނީވެސް އެތީމާއެކީގައި.،" ނިމާލް ވިދާޅުވިއެވެ. 

އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި 500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރާނެކަމަށް އެޕާޓީން ބުނެއެވެ. އަދި ޕީޕީއެމަށް ތާއިދުކުރާ ބައެއް މީހުން އަމިއްލަ ގޮތުން ވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެކަމަށްވެސް  އެޕާޓީން ބުނެއެވެ.