ސިއްހަތު

ރ. އުނގޫފާރުގައި ޑިޕްލޮމާ އިން ނާސިންގ ކޯސް ފަށްޓަވައިފި


.ރ.އުނގޫފާރުގައި އަލަށް ޤާއިމްކުރި ޤައުމީ ޔުނިވަރސިޓީގެ އައުޓްރީޗް ސެންޓަރުގައި ޑިޕްލޮމާ އިން ނާސިންގ ކޯސް ފަށްޓަވައިފިއެވެ.

މިކޯހުގައި 22 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ. މިއީ ނާރސިންގ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް އައުޓްރީޗް ސެންޓަރެއްގައި ފެށި ފުރަތަމަ ކޯހެވެ. ޤައުމީ ޔުނިވަރސިޓީން ވިދާޅޫވީ، މިކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޤައުމީ ޔުނިވަރސިޓީއާ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ އިތުރުން އުނގޫފާރު ކައުންސިލް އިދާރާއާ ގުޅިގެން ކަމަށެވެ.

ކޯސް އިފްތިތާޙު ކުރުމަށް އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ. ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި، ރ.އަތޮޅުގެ މުއައްސަސާތަކުން އަތޮޅުގެ ތަޢުލީމް ކުރިއެރުވުމަށް ދެއްވާ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ގިނަ ބަޔަކަށް މަތީ ތަޢުލީމު ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ޗާންސެލރ ޑރ. މުޙައްމަދު ލަތީފް ވިދާޅުވީ، ކުރިއަށް އޮތްތާނގައި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އައުޓްރީޗް ސެންޓަރުތައް ޤާއިމްކުރުމުގައި މިފަދަ ގޮތަކަށް އެކި ފަރާތްތަކާއި ގުޅިގެން މަތީ ތަޢުލީމްގެ ފުރުޞަތުތައް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ 3،000 ނަރުހުން ތަމްރީނު ކުރެއްވުމަށް ހެލްތް މިނިސްޓްރީއާ ޤައުމީ ޔުނިވަރސިޓީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.