ޚަބަރު

ސައިކަލް ޓެކްސީގެ ޙިދުމަތް އަތޮޅުތަކަށް


އަތޮޅުތަކުގެ ރަށްރަށުގައި ސައިކަލް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ. 

ޓްރާންސް ޕޯޓް އޮތޯރިޓީން މިކަން ޢިއުލާންކުރެއްވީ މިއަދު އެއޮތޯރިޓީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޓްރާންސް ޕޯޓް އޮތޯރިޓީގެ ޗެއަރމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ 20 ސައިކަލާއެކު ކޮންމެ ރަށެއްގައިވެސް ސައިލް ޓެކްސީގެ ޚިދުމަތް ދޭން ފެށޭނެކަމަށެވެ. ގިނަ ރަށްރަށުގައި ޓެކްސީގެ ޚިދުމަތް އަދިވެސް އެކަށީގެންވާ ފެންވަރެއްގައި ނުދެވޭ ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެރަށްރަށުގައި ސައިލް ޓެކްސީގެ ޚިދުމަތް ދޭން ފެށުމުން ރައްޔިތުންނަށް ލުއިތަކެއް ލިބޭނެކަމަށް ނާފިޒު ވިދާޅުވިއެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ކޮންސަލްޓަންޓް އަބްދުﷲ އިމްތިޔާޒް ވިދާޅުވީ، ސައިކަލު ޓެކްސީގެ ޚިދުމަތް ފަށަން ސަރުކާރުން ނިންމެވީ ޚަރަދު ކުޑަގޮތަކަށް ފަސޭހަކަމާއެކު ވީހާވެސް ގިނަ ބަޔަކަށް އެ ޚިދުމަތް ދެއްވުމަށް ކަމަށެވެ. 

ނަމަވެސް ޚިދުމަތް ދޭންވާނީ ޓްރާންސް ޕޯޓް އޮތޯރިޓީގެ ސައިކަލް ޓެކްސީގެ ޤައިވާއިދާ އެއްގޮތަށްކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. 

މާލޭގައި މިހާރު ސައިކަލް ޓެކްސީ ޚިދުމަތް ދޭންފަށާއިވާއިރު ދަތުރެއްގެ އަގަކީ 10 ރުފިޔާ އެވެ. މާލޭގައި މި ޚިދުމަތް އަދި ދެނީ އެންމެ ކުންފުންޏަކުންނެވެ. ނަމަވެސް، ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްގެން ކުރިއަށް އޮތް ތަނުގައި ކޮންމެ ބަޔަކަށް ވެސް މި ޚިދުމަތް ދެވިދާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.