ވިޔަފާރި

ސިވިލް ސަރވަންޓުންނަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކޯސް ހިންގަނީ


ސިވިލް ސަރވިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރެއްވުމުގެ ގޮތުން މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ އަތޮޅުތަކުގައިވެސް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގަވާނެކަމަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓުން ވިދާޅުވެއްޖެއެވެ.

ސީ.އެސް.ޓީ.އައި އިން މިކަން ހާމަކުރެއްވީ އެއިންސްޓްޓިއުޓުން މިއަހަރު ހިންގަވާ ކޯސްތައް ފެއްޓެވުމަށް ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކުރައްވައިގެން މިއަހަރު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓުން ހިންގަވަނީ މައިގަނޑު ދެ ކޯހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކަށް ޚާއްސަ ކުރައްވައިގެން ހިންގަވާ ސެޓްފިކެޓް ތްރީ އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހަކާއި، ހިންގުމުގެ ދާއިރާއިން މުވައްޒަފުން ހަރުދަނާ ކުރެއްވުމަށް ހިންގަވާ ޑިޕްލޮމާއިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހެކެވެ. މި ދެކޯހުގައި ތަފާތު އެކި މުއައްސަސާތަކުން 72 މީހުން ބައިވެރިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުންގެ ހުނަރާ ޤާބިލުކަން އިތުރުކުރެއްވުމަށް މިއަހަރު ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރައްވަން ފަށްޓަވާފައިވާކަމަށެވެ. އެގޮތުން ކުރުމުއްދަތާއި ދިގުމުއްދަތުގެ ތަމްރީނުތައް ސީ.އެސް.ޓީ.އައިއިން ހިންގަވަން ހަމަޖެހިފައިވާކަމަށެވެ. އެކަން މުޅިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ފެށިގެންދިމުން ސިވިލް ސަރވިސް މުވައްޒަފުންގެ ހުނަރު އިތުރުވެގެންދާނެ ކަމަށް ޑރ. އަލީ ޝަމީމް ވިދާޅުވިއެވެ.

އެމުވައްޒަފެއްގެ ރަށުގައި ތިބެގެން ތައުލީމު ހާސިލްކުރެވޭނެ މަގުފަހިކޮށްދެއްވުމުގެ ގޮތުން، މިއަހަރުގެ މެދެއްހާތަނުގައި ވަރޗުއަލް 2 ކްލާސް ޤާއިމުކުރެއްވުމަށް ނިންމަފައިވާ ކަމަށް ޑރ. އަލީ ޝަމީމު ވިދާޅުވިއެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން އިތުރަށް ކިޔަވަން ބޭނުންވާ ކޮންމެ މުވައްޒަފަކަށްވެސް އެފުރުޞަތު ފަހި ކޮށްދެއްވުމުގެ ގޮތުން އިސްލާމިކް ބޭންކާއި ގުޅިގެން ސްޓަޑީ ލޯނެއް ތައާރަފްކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

2009 ވަނަ އަހަރު ވުޖޫދަށް އައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓުން މިދިޔަ އަހަރުގެ ނިޔަލަށް ފަސްހާސް ހަތްސަތޭކަ ބާވީސް ސިވިލް ސަރވަންޓުންނަށް ތަފާތު ތަމްރީނު ޕްރޮގްރާމްތައް ވަނީ ހިންގަވާފައެވެ.